މިއަހަރުގެ އޯލެވެލް އިމްތިހާނު މެއި މަހު ބޭއްވިގެންދާއިރު 5،939 ދަރިވަރަކު އިންތިހާނުގައި ބައިވެރިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަހަރުގެ އޯލެވެލް އިމްތިހާނު އަންނަ މެއި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ޖޫން 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

މި އިމްތިހާނުގައި 239 ސެންޓަރަކުން 5،939 ދަރިވަރަކު ބައިވެރިވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ. އަދި ޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ބެލުމުގެ ދަށުން ސްރީލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގައި އާއި އަދި މެލޭޝިއާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި ހިންގާ ޕްރޮގްރާމުތަކުގައި ބައިވެރިވާ ދަރިވަރުން ވެސް ބައިވެރިވާނެ އެވެ.

އިމްތިހާން ބާއްވާ ސެންޓަރުތަކަށް މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން އިމްތިހާން ޕޭޕަރު ފޮނުވަން ފަށާފައިވާއިރު، މިމަހުގެ 29 ވަނަ ދުވަހުގެ ކުރިން ހުރިހާ ސެންޓަރަކަށް ޕޭޕަރުތައް ފޮނުވާ ނިމޭނެ ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.

މިގެކުރިން ރާއްޖޭގެ ސްކޫލްތަކުގައި ތައުލީމް ކިޔަވަމުންދާ ދަރިވަރުން ބައިވެރިވެފައިވަނީ އޯލެވެލްގެ އޮކްޓޯބަރ / ނޮވެމްބަރު އިމްތިހާނުގަ އެވެ. ނަމަވެސް ސަރުކާރުން އަލަށް އަމަލުކުރަން ފެށި ސިޔާސަތުގެ ދަށުން 2021 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށީ މިދިޔަ އަހަރުގެ އޯގަސްޓް މަހު އެވެ.

އެހެންކަމުން ރާއްޖޭގެ ސްކޫލުތަކުގެ ދަރިވަރުން ދެން ބައިވެރިވާނީ މެއި / ޖޫން އިމްތިހާނުގަ އެވެ.

ދިރާސީ އަހަރުގެ ކިޔެވުން ނިންމާލުމަށްފަހު ދަރިވަރުންނާއި ޓީޗަރުންނާއި ސްކޫލުތަކުގެ މުވައްޒަފުން ޗުއްޓީއަށް ދާނީ މިއަހަރުގެ ޖޫން މަހު އެވެ.

މިއަހަރުގެ ކިޔެވުންފަށާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 10 އެއްގަ އެވެ.