އަދާލަތު ޕާޓީއަށް މެމްބަރުން ވައްދަނީ ގަވާއިދާ އެއްގޮތަށް ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެ ޕާޓީޏް އެހެން ބުނީ އިދިކޮޅު ޕީޕީއެމުން، އެ ޕާޓީގެ މެމްބަރުންތަކެއް "ވަގަށް ނަގާފައި" ވާކަމަށް ތުހުމަތުކޮށްފައި ވަނިކޮށެވެ.

ޕީޕީއެމުން ބުނިގޮތުގައި އެ ޕާޓީގެ މެމްބަރުންތަކެއް، އެ މީހުންނަށް ނޭނގި އަދާލަތު ޕާޓީއަށް ވައްދާފައިވެ އެވެ. އަދި އެ މައްސަލަ ކޯޓަށް ހުށަހަޅައިގެން ބަލައި ތަހުގީގުކުރަމުން ގެންދާނެ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ.

އެކަމަށް ރައްދުދީ އަދާލަތުން ކުރި ޓުވީޓެއްގައި ބުނީ، އެ ޕާޓީގެ މެމްބަރުންނަށް ވުމަށް އެދި ހުށަހަޅާ ކޮންމެ ފޯމެއް، އިލެކްޝަން ކޮމިޝަނަށް ހުށަހަޅަމުން ގެންދާ ކަމަށެވެ. އަދި އިލެކްޝަނަށް އެ ފޯމުތައް ހުށަހަޅަނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި، ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ފަހު ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.

އޭގެ އިތުރުން އެ ޕާޓީން ވަކިވުމަށް އެދި ހުށަހަޅާ ފޯމުތަކާއި، ސައްހަ ނޫން ފޯމުތައް، ބަލައި، އެ ނަންތައް ޕާޓީގެ ދަފްތަތުން އުނިކުރަމުން ގެންދާކަމަށްވެސް އަދާލަތުން ވަނީ ބުނެފަ އެވެ.

ޕީޕީއެމުން ކުރާ ތުހުމަތުތައް އަދާލަތުން ދޮގުކޮށްފައިވާއިރު، ޕީޕީއެމްގެ 5،000 އެއްހައި މެމްބަރުން، އެ މެމްބަރުންނަށް ނޭނގި އަދާލަތު ޕާޓީއަށް ބަދަލުކޮށްފައިވާކަމަށް ޕީޕީއެމުން ތުހުމަތުކޮށްފައިވެ އެވެ.