މި ރޯދަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި ފަސް މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދައްކައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި މުއްދަތުގައި 107,132 މީހުން ޒަކާތް ދައްކާފައިވާ ކަމަށެވެ. އަދި މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ޖުމްލަ 5,583,326.44 ލިބިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ފިތުރު ޒަކާތުގެ ގޮތުގައި ދައްކާފައިވަނީ 5,657,851 ރުފިޔާ އެވެ. މި މުއްދަތުގައި ފިތުރު ޒަކާތް ދައްކާފައިވަނީ 135،743 މީހުން ކަމަށް އިސްލާމިކް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކަ އެވެ.
ފިތުރު ޒަކާތް ދެއްކުން އޮންލައިންކޮށް ވެސް ހަމަޖައްސާފައިވެ އެވެ. މީގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުންނާއި، ދިރާގުގެ ދިރާގު ޕޭ، އެސްއެމްއެސް، އުރީދޫގެ އެމްފައިސާ، އެސްއެމްއެސް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ މެދުވެރިކޮށް މިއަދާ ހަމައަށް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވެ އެވެ.
މި ރަމަޟާން މަހުގެ އެންމެފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނީ މިނިސްޓްރީގެ ކައުންޓަރުތަކުންނާއި ބަނޑޭރި ޕޯޓަލް މެދުވެރިކޮންނެވެ.
އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެފަހު ވަގުތަކީ މިއަދުގެ 6:00 އެވެ. އިސްލާމިކް މިނިސްޓްރީން ވަނީ ގޮވާމުން ޒަކާތް ދެއްކުމަށް ހުޅުވާލާފައިވަމީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މިހާތަނަށް ގޮވާމުން 1،300 އަށްވުރެ ގިނަ މީހުން ވަނީ ޒަކާތް ދައްކާފަ އެވެ.
ފިތުރު ޒަކާތް ދޭނީ ފަގީރުންގެ ލިސްޓުގައިވާ މީހުންނަށެވެ.
މިއަހަރުގެ ފަގީރުންގެ ލިސްޓުގައި ހިމެނެނީ 8،984 މީހުންނެވެ. ފަގީރުންގެ ދަފްތަރު އަޕްޑޭޓްކޮށްފައިވަނީ މިހިނގާ ރަމަޟާން މަސް ފެށުމުގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ. މިދިޔަ އަހަރު ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނީ 7،778 މީހުންނެވެ.