ގދ. ތިނަދޫގައި 200 ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދަން ފަށައިފި އެވެ.

ފިނޭންސް މިނިސްޓްރީން މި މަސައްކަތް ކުރަން އިއުލާނުކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދިއުމަށެވެ. އަދި މަސައްކަތަށް ގާބިލު ބަޔަކު ހޯދުމުގެ މަސައްކަތް ކުރާނީ ނޭޝަނަލް ކޮމްޕެޓެޓިވް ބިޑިން (އެންސީބީ)ގެ އުސޫލުގެ މަތިން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން ރިފަންޑަބަލް ފީއެއް ދައްކަން ޖެހެ އެވެ. އަދި އަންނަ މަހު އަށް ވަނަ ދުވަހުން 22 ވަނަ ދުވަހުގެ ރަސްމީ ގަޑިތަކުގައި ފައިސާ ބަލައިގަންނާނެކަން ފާހަގަކޮށް އެ މިނިސްޓްރީން ބުނީ މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް ކަމަށްވާ "ބަނޑޭރި ޕޭ" މެދުވެރިކޮށް ވެސް ފައިސާ ދެއްކޭނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ނުވަތަ އެ އަދަދާއި އެއްވަރަށް ޑޮލަރު ދައްކަން ޖެހޭނެ ކަމަށެވެ. އަދި ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހާއި ހަމައަށް ފައިސާ ދެއްކޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

މި މަސައްކަތަށް ބީލަން ހުޅުވުން އިންނާނީ އަންނަ މަހު 30 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާ ބައިގެ ޖަލްސާކުރާ މާލަމުގަ އެވެ.