ޒަމާނީ ޓެކްނޮލޮޖީގެ އެހީއާއެކު އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި ބޭނުން ކޮށްގެން އަމިއްލައަށް ކަސްރަތު ޕްލޭންތައް އެކުލަވާލުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ.
ނަމަވެސް އެންމެ ފުރިހަމަ ނަތީޖާއެއް ހޯދައި، އަނިޔާއަކުން ސަލާމަތް ވުމަށްޓަކައި އޭއައިގެ އެހީގައި ކަސްރަތު ރާވާއިރު ހާއްސަ ކަންކަމަށް ސަމާލުވާންޖެހޭ ކަމަށް ފިޒިއޯތެރަޕިސްޓުން ވިދާޅުވެ އެވެ.
ކޭ. ޖޭ. ސޯމައިޔާ ކޮލެޖް އޮފް ފިޒިއޯތެރަޕީގެ މަސްކިއުލޯސްކެލަޓަލް ފިޒިއޯތެރަޕީ ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. ސިމްރަން ތާޕާ ވަނީ އޭއައި މެދުވެރިކޮށް ކަސްރަތު ޕްލޭނެއް ހަދާއިރު ވިސްނަންޖެހޭ މައިގަނޑު 5 ކަމެއް ހާމަ ކުރައްވާފަ އެވެ
1. ތިމާގެ އަމިއްލަ ފިޓްނަސް މިންވަރަށް ވިސްނުން
އޭއައިއިން އާންމުކޮށް އުފައްދައިދޭ ޕްލޭންތަކަކީ އެންމެންނަށް ވެސް އެއްގޮތްކޮށް ހުންނަ ޕްލޭންތަކަކަށް ވެދާނެ އެވެ. އެހެންކަމުން ތިމާގެ މަސްތަކުގެ ބާރުމިން، ހަށިގަނޑު ހަރަކާތްތެރިވެ އުޅެވޭ މިންވަރު (މޮބިލިޓީ)، އަދި "ޓޮލަރެންސް" މިންވަރު އޭއައިއަށް ސާފުކޮށް ކިޔައިދޭންވާނެ އެވެ. ނޫންނަމަ ހަށިގަނޑަށް މާ ބުރަވެ އަނިޔާވެދާނެ އެވެ.
2. ފިޔަވަހިތަކަކަށް ބަހާލައިގެން ކަސްރަތު ކުރުން
ކަސްރަތު ޕްލޭން ފަށާއިރު އެންމެ ފަސޭހަ ކަސްރަތުތަކުން ފަށައި، ހަށިގަނޑު ހޭނެމުންދާ ވަރަކަށް މަޑުމަޑުން އުނދަގޫ މިންވަރު މައްޗަށް ޖެއްސުމަށް އޭއައި އަށް އަންގާށެވެ. އެއްފަހަރާ ހުރިހާ ބަރު ކަސްރަތެއް ފެށުމުން ހަށިގަނޑަށް ގެއްލުން ލިބިދާނެ އެވެ.
3. ކަސްރަތު ކުރާއިރު މަސްތަކަށް ކުރާ އަސަރު ދެނެގަތުން
ކޮންމެ ކަސްރަތަކުން ވެސް ހަށިގަނޑުގެ ވަކި މަސްތަކަކަށް މަސައްކަތް ގެނުވަ އެވެ. އޭއައި މެދުވެރިކޮށް ޕްލޭން ހަދާއިރު، ވަކިވަކި ކަސްރަތުތަކުން ހަށިގަނޑުގެ ކޮން ބަޔަކަށް، ކޮންތާކަށްތޯ އަސަރު ކުރަން ޖެހޭނީ ސާފުކޮށް އޮޅުންފިލުވާށެވެ.
4. އަދަދު ހަމަ ކުރުމަށްޓަކައި އެކަނި ކަސްރަތު ނުކުރުން އަދި އަރާމު ކުރުން
އޭއައި ޕްލޭންގައި އަންގާފައިވާތީ އެކަނި ކޮންމެ ދުވަހަކު ވެސް ހަށިގަނޑަށް ބުރަކޮށް ކަސްރަތު ކުރުމުގެ ބަދަލުގައި، ހަށިގަނޑަށް ބޭނުންވާ އަރާމު ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ބޭނުންނަމަ ލުއި ސެޝަންތަކަށް ބަދަލު ކުރެވިދާނެ އެވެ.
5. ހަށިގަނޑުގެ ހާލަތަށް ބަލައިގެން ކުރިއަށް ދިއުން
ހަމައެކަނި ހަފްތާއެއް ވީތީ ނުވަތަ އެޕް އިން ބުނި ކަމަށްޓަކައި ކަސްރަތުގެ އުނދަގޫ މިންވަރު މައްޗަށް ނުޖައްސާށެވެ. ހަށިގަނޑު އެކަމަށް ތައްޔާރު ވެފައިވާ މިންވަރަށް ބަލައިގެން ކުރިއަށް ދިއުން މުހިންމެވެ.
ޒުވާންކޮށް ދިނުމުގައި ގަހުގެ ބޮޑު ރޯލެއްވޭ؟
"އިންޑިއާއާއި ޕާކިސްތާނުގެ މައްސަލަ ތެރެއަށް ރާއްޖެ ވައްދައިފި"
ދޫކުރާގޮތަށް ހިފެހެއްޓި ސިނގިރޭޓްތައް ނުދޭ މައްސަލައެއް