މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފައި ވަނީ ށ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ.

މެޓުން ސަމާލު ނެރުނީ މިއަދުގެ 7:45 ގަ އެވެ. އަދި ހެނދުނު 8 އިން ފެށިގެން މެންދުރު ދޭއް ޖެހުމާ ހަމައަށް އެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެ އެވެ.

މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށާއި، އަދި ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.

މެޓުން މީގެ ކުރިން މޫސުމަށް ސަމާލުވުމަށް އަންގާފައި ވަނީ ނ. އަތޮޅުން ފެށިގެން އދ.އަތޮޅާއި ހަމައަށެވެ. އަދި އެއަތޮޅުތަކަށްވެސް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހި، ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވެ އެވެ.