ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވައްކަން ކުރި ދެމީހަކު ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދެފި އެވެ.

ފުލުހުން އާންމުކުރި ބަޔާނެއްގައި ބުނީ އެ ދެ މީހުންނަކީ 2022 އޭޕްރީލް 27 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ހިންގަމުންދާ ޕްލާންޓް އެންޑް އެނިމަލް ޔުނިޓްގެ ދޮރެއް ހަލާކުކޮށްލައި، އެތަނުގެ ދޫނި ލެބުން ވައްކަން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހޯދާ ބައެއް ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެދެމީހުންނަކީ އެއާޕޯޓް ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، މިހާތަނަށް ކުރި މަސައްކަތުން ކޮންބައެއްކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ ދެމީހުން ކަމަށެވެ.

ފުލުހުން ވަނީ މި މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިފައިވާ ފަރާތެއް ވާނަމަ އެއަރޕޯޓް ޕޮލިސްގެ ނަމްބަރަށް ގުޅައި މައްސަލައިގެ މައުލޫމާތު ހިއްސާކުރުމަށް އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ އެކަމަށް ޝުކުރު އަދާކޮށްފަ އެވެ.

ފަހަކަށް އައިސް ވައްކަމާއި ފޭރުމުގެ މައްސަލަތައް މާލޭގައި ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ.