ހޮލީވުޑްގެ މަޝްހޫރު ބަތަލު ޖޯނީ ޑެޕް، އޭނާގެ އަންހެނުން އެމްބާ ހާޑަށް އަނިޔާ ކުރަން ފެށީ، ޖޯނީގެ އަތުގައި އިން ޓެޓޫއެއްގެ ވާހަކަ އެހުމުން ކަމަށް އެމްބާ ބުނެފި އެވެ.

ހޮލީވުޑްގައި މިހާރު އެންމެ ދެކެވޭ ވާހަކަތަކުގެ ތެރޭގައި އެމްބާ ހާޑް އާއި ޖޯނީ ޑެޕްގެ ކޯޓު މައްސަލަ ހިމެނޭއިރު، އެ މައްސަލައިގެ ތެރެއިން ޖޯނީގެ ބަޔާން އިއްވި ދުވަހު، އެމްބާ ހާޑްގެ ގިނަ ސިއްރުތަކެއް ފަޅާއަރައި އާންމުންގެ ތެރޭގައި އޭނާ ބޭޒާރުކޮށްލާފައިވެ އެވެ.

ކޯޓުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އިވިގެންދިޔައީ އެމްބާގެ ބަޔާނެވެ. އެގޮތުން އޭނާ ވަނީ ޖޯނީ އޭނާއަށް ކުރި އަނިޔާ ކޯޓުގައި ތަފްސީލުކޮށް ކިޔައިދީފަ އެވެ.

އެމްބާ ބުނިގޮތުގައި ޖޯނީ ސޯފާގައި މަސްތުގެ ހާލަތުގައި އިންދައި އޭނާ، ޖޯނީގެ އަތުގައި އިން ޓެޓޫގެ ވާހަކަ އެހި އެވެ. އަދި އެ ސުވާލަށް ޖަވާބު ދެމުން ޓެޓޫގައި ޖަހާފައި ވަނީ "ވައިނޯ" ކަމަށް ރައްދުގައި ޖޯނީ ބުނި ކަމަށް އެމްބާ ބުންޏެވެ.

ނަމަވެސް ފަނޑުވެފައި އިން އެ ޓެޓޫގައި ޖަހާފައި އިނީ އެހެން ނޫންކަމަށް ހީކޮށް، އެމްބާ ހިނިގަނޑެއް ޖަހާލި ކަމަށާއި، އެއާއެކު ޖޯނީ އޭނާގެ މޫނުމަތީގައި ޖެހި ކަމަށް އެމްބާ ތުހުމަތުކޮށްފައިވެ އެވެ.

އެމްބާ ބަޔާން ދިން ނަމަވެސް ގިނަ ބަޔަކު ވަނީ އޭނާ ބަޔާން ދިން ވަގުތު މޫނަށް ގެނައި ބަދަލުތައް ފާހަގަކޮށް އެމްބާ ދޮގުހަދަނީ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެއާ ގުޅިގެން ސޯޝަލް މީޑިއާގައި އެމްބާއަށް ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.