ފުުވައްމުލަކުގައި ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު ޑައިވަރު މުހައްމަދު ސައީދު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ހަ ދުވަސްފަހުން މެދުކަނޑާލައިފި އެވެ.

އެމްއެންޑީއެފްއިން މިރޭ ބުނީ މި މަހުގެ ދެވަނަ ދުވަހު ފުވައްމުލަކު ބޭރުން ޑައިވްކުރަނިކޮށް ގެއްލުނު ސައީދު ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން އެމްއެންޑީއެފް ކޯސްޓްގާޑުން މެދުކަނޑާލާފައިވާ ކަމަށެވެ.

އޭނާ ހޯދުމަށް ކޯސްޓްގާޑުގެ ސިފައިން ވަނީ ހަތް ދުވަހުގެ ތެރޭގައި، ވައިގެ މަގުން 2960 ސްކެއާ މޭލު، ކަނޑުގެ މަގުން (ސާފޭސް ސާޗު) 760 ސްކެއާ މޭލު އަދި ކަނޑުގެ އަޑިން 1000 މީޓަރުގެ (ފުންމިން 85 މީޓަރު) ސަރަހައްދެއް ބަލާފަ އެވެ.

ސައީދު ހޯދުމުގެ މަސައްކަތުގައި ދެ ހާބާ ކްރާފްޓާއި ޑޯނިއާ ފްލައިޓެއް ބޭނުންކުރި އެވެ.

ފުވައްމުލަކުގައި ޑައިވިން ސެންޓަރެއް ހިންގާ އެރަށު ނޫވިލް، ސައީދަކީ ގާތްގަނޑަކަށް ވިއްސަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހެކެވެ. އޭނާ ޑައިވިންއަށް ދިޔައީ ޓޫރިސްޓުން ގޮވައިގެނެވެ. އޭނާ ޑައިވިންއަށް ދިޔައީ 14 މީޓަރު އަޑިއަށެވެ.

އެހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިމަހުގެ ދެވަނަ ދުވަހު 3:45 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ސައީދާއެކު ޑައިވިނަށް ދިޔަ 19 އަހަރުގެ ޒުވާނެއް ކަމަށްވާ އެ ރަށު ޑޭޒީވިލާ، މަހުމޫދު ފާއިޒުގެ ހާލު ދެރަވެ، ޅ. ކުރެއްދޫ ރިސޯޓްގެ ޗެމްބަރުގައި އަންނަނީ ފަރުވާދެމުންނެވެ. އަދި އޭނާގެ ހާލު މިހާރު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް ވެސް އެނގިފައިވެ އެވެ.