މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ފަންޑުކޮށްފައިނުވާ ކަމަށާއި އެއީ ނަފްރަތާއި ރުޅިވެރިކަމުގެ އަމަލެއް ކަމަށް ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ބުނެފި އެވެ.

އެ މައްސަލައިގެ ތަހުގީގުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅަކާ ހަވާލާދީ ޕީއެސްއެމް ނިވްސްގައި ރިޕޯޓްކޮށްފައި ވަނީ އެ ހަމަލާއަށް އެއްވެސް ބަޔަކު ފަންޑުކޮށް މާލީ ގޮތުން އެއްވެސް އެހީތެރިކަމަށް ފޯރުކޮށްދީފައިވޭތޯ ފުޅާ ދާއިރާއެއްގައި ތަހުޤީގު ހިންގާ ބަލާފައިވާކަމަށެވެ. އެގޮތުން މި މައްސަލާގައި ހިމެނޭ މީހުންނާއި އެމީހުންނާއި އެއްވެސް ގުޅުމެއް އޮންނަކަމަށް ބެލެވޭ ހުރިހާ ނެޓްވޯކްތަކަށް ޓާގެޓްކޮށް ތަހުޤީގު ހިންގި ކަމަށް ޕީއެސްއެމްއިން ބުންޏެވެ.

އެ އިސް ބޭފުޅާއާ ހަވާލާދީ ޕީއެސްއެމް އިން ބުނީ މިހާތަނަށް ބެލި ބެލުމުން މި މައްސަލާގައި ކިރިޔާވެސް ޝާމިލުވާކަމަށް ތުހުމަތުކުރެވޭ އެންމެންގެ މައްޗަށްވެސް ދައުވާ އުފުލާފައިވާކަމަށެވެ.

ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ގޮއްވާލި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދުގެ މައްޗަށް ކުށް ސާބިތުވެ 23 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފަ އެވެ. އަދި އެ ބޮން ހަރުކުރި ސައިކަލްގެ ވެރިފަރާތް ކަމަށްވާ ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދާއި އެކަމުގައި އިސްކޮށް ބައިވެރިވި ކަމަށް ތުހުމަތުކުރާ މއ. ފޭރުގޭ މުޖާޒް އަހްމަދާއި އިތުރު ބައެއްގެ މައްޗަށް އުފުލި ދައުވާގެ ހުކުމް އަދި އިއްވާފައެއް ނުވެ އެވެ.

ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން އެފަދަ ހަމަލާއެއް ދޭން އުޅުނުކަން އެމަނިކުފާނުގެ އަރިސް ބޭފުޅެއް ކަމަށްވާ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ވަނީ ކުރިން އެނގިފަ އެވެ. އަދި އޭނާ ވަނީ އެކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ ސަމާލުކަމަށް ގެންނަވާފަ އެވެ. އެހެންނަމަވެސް އެކަމުގައި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން އެ ދެ ބޭފުޅުންގެ ބަހުން ވަނީ ސާބިތުވެފަ އެވެ.