ހަމަނުޖެހުންތައް ބޮޑުވެ، އެންމެ ފަހުން ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާދެއްވައިފި އެވެ.

އެ ގައުމަށް ކުރިމަތިވެފައިވާ އިގްތިސޯދީ އަނދަވަޅުން ސަލާމަތްވުމަށް ސަރުކާރަށް ފިޔަވަޅު ނޭޅުމުގެ ސަބަބުން ބޮޑުވަޒީރު އިސްތިއުފާ ދެއްވުމަށް މުޒާހަރާ ކުރާ މީހުން ދިޔައީ ޑިމާންޑް ކުރަމުންނެވެ.

އުމުރުފުޅުން 76 އަހަރުގެ މަހިންދަ ރާޖަޕަކްސަ އިސްތިއުފާދެއްވުމަށް އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ އިސް މެންބަރުންވެސް ދިޔައީ ބާރުއަޅަމުންނެވެ. އިސްތިޢުފާދެއްވުމުގެ ކުރިން އޭނާ ވިދާޅުވީ ރައްޔިތުންނަށްޓަކައި ކޮންމެފަދަ ގުރުބާނީއެއްވެވަޑައިގަތުމަށްވެސް ތައްޔާރަށް ހުންނެވިކަމަށެވެ.

އެ ގައުމުގެ ސަރުކާރުގެ އިސްވެރިން ވެސް އަންނަނީ އިސްތިއުފާ ދެއްވަމުންނެވެ.

ސްރީލަންކާގެ ނޫސްތައް ބުނާގޮތުގައި ރައީސް ގޮތަބަޔާ ރާޖަޕަކްސަ ދެން އެންމެ އިސްކަމެއް ދެއްވާނީ ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް ގާއިމްކުރުމަށެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން މީގެކުރިން ވަނީ އެކަމަށް ދެކޮޅު ހަދާފަ އެވެ. އިދިކޮޅު ފަރާތްތަކުގެ ޑިމާންޑަކީ ރައީސް ވެސް އިސްތިއުފާ ދެއްވުމެވެ.

ރާޖަޕަކްސަ އިސްތިއުފާދެއްވީ އޭނާ މަގާމުން ވަކިކުރަން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން މަސައްކަތް ކުރަމުންދަނިކޮށެވެ.

އެ ގައުމުގައި ކުރިއަށްދާ މުޒާހަރާތައް ނުހުއްޓުވި އެންމެފަހުން ކުއްލި ނުރައްކަލުގެ ހާލަތު އެ ގައުމުގައި ވަނީ އިއުލާންކޮށްފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން ވެސް މުޒާހަރާތައް ހުއްޓުވޭގޮތެއް ނުވި އެވެ.

އެ ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި 78 މީހުން ޒަޚަމްވެފައިވެއެވެ.