ސްރީލަންކާގައި ހަމަނުޖެހުންތައް ބޮޑުގެ ކާފިއު އިއުލާންކޮށްފައިވާތީ އެ ގައުމަށް ދަތުރުކުރާ ދިވެހީންނާއި އެ ގައުމުގައި ދިރިއުޅޭ ދިވެހީން ސަމާލުވުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އެދިއްޖެއެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ކުރި ޓްވީޓެއްގައި ވަނީ ސްރީލަންކާގައި ދިރިއުޅޭ ދިވެހީންނާއި އެ ގައުމަށް ދަތުރުކުރާ ދިވެހީން، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.

އިމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ، ހައިކޮމިޝަނުގެ ހޮޓްލައިން ނަމްބަރު 0768816666 އަށް ގުޅުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ސްރީލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި އާންމު ރައްޔިތުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް އަންނަނީ ދެމުންނެވެ.

ސްރީލަންކާގައި ހަމަނުޖެހުން ހިންގަން ފެށީ އެ ގައުމުން ބޭރު ގައުމުތަކުން ނަގާފައިވާ ލޯނުތައް ނުދެއްކޭ ވަރަށް އިގްތިޞާދީ ހާލަތު ދަށްވެ ގައުމު ބަނގުރޫޓުވާ ހިސާބަށް ދިޔުމުންނެވެ. އެކަމުގެ ސަބަބުން އެ ގައުމުގެ އިންފްލޭޝަން ރޭޓް ވަރަށް ބޮޑަށް މަތިވެ އާންމު ރައްޔިތުންނަށް ވަނީ ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހިފަ އެވެ.