ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިޝީ ކަޕޫރް މަރުވި ފަހުން އޭނާގެ އަންހެނުން އަދި ކުރީގެ ބަތަލާ ނީޓޫ ސިންގް ސޮއިކުރި ފުރަތަމަ ފިލްމް "ޖުގް ޖުގް ޖިއޯ"ގެ ސިނަމާތަކަށް އަންނާނެ ތާރީހު އިއުލާންކޮށްފި އެވެ.
"ޖުގް ޖުގް ޖިއޯ" އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފަރާތުން އުފައްދާ ރޮމޭންޓިކް ކޮމެޑީ ފިލްމެކެވެ.
ދަރުމާ ޕްރޮޑަކްޝަންއިން މިފިލްމުގެ ޕޯސްޓަރުތައް އާންމުކޮށްފައިވާއިރު، މިފިލްމު ސިނަމާތަކުގައި އަޅުވާނެ ތާރީހެއް ކަމަށް ބުނެފައި ވަނީ އަންނަ މަހުގެ 24 ވަނަ ދުވަހެވެ.
2019 އަހަރު "ގުޑް ނިއުސް" ގެނެސްދިން ޑައިރެކްޓަރު ރާޖް މެހެތާ ޑައިރެކްޓްކޮށްފައިވާ މިފިލްމުގައި އެކްޓަރު ރަންބީރް ކަޕޫރްގެ މަންމަ ނީޓޫގެ އިތުރުން އަނިލް ކަޕޫރާއި ވަރުން ދަވަނާއި ކިއާރާ އަދުވާނީ ވެސް ފެނިގެންދާނެ އެވެ. ކައިވެނީގެ ގުޅުންތަކެއްގެ ވާހަކަ ކިޔައިދޭނެ މި ފިލްމުގައި ނީޓޫ އާއި އަނިލް ފެންނާނީ ވަރުންގެ މައިންބަފައިންގެ ރޯލުންނެވެ.
މީގެ އިތުރު ކާސްޓުންގެ ތެރޭގައި މަޝްހޫރު ހޯސްޓް މަނީޝް ޕޯލް އާއި ޕްރަޖަކްތާ ކޯލީގެ އިތުރުން އެމްޓީވީގެ "ރޯޑީސް" އިން މަޝްހޫރުވި ވަރުން ސޫދު ހިމެނެ އެވެ.
"ޖުގް ޖުގް ޖިއޯ" އާ ނީޓޫ، 63، ބޮޑު ސްކްރީނުން ބެލުންތެރިންނާ ބައްދަލުކުރަނީ ފިލްމެއްގެ މަސައްކަތްނުކުރާތާ ނުވަ އަހަރު ފަހުންނެވެ. އޭނަ އެންމެ ފަހުން ފެނިފައި ވަނީ ރިޝީ އާއި ރަންބީރް ވެސް ކާސްޓްގައި ހިމެނުނު 2013 ގެ "ބޭޝަރަމް" އެވެ.
ނީޓޫ އަކީ މިހާރު ކަލާޒް ޗެނެލުން ގެނެސްދޭ "ޑާންސް ދީވާނޭ ޖޫނިއާ" ގެ ޖަޖުކަންވެސް އަންނަނީ ކުރަމުންނެވެ.