ބޮލީވުޑްގެ ރަސްގެފާނު ޝާހުރުކް ހާން އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިގެން ދިޔައީ 2018 ވަނަ އަހަރު ނުކުތް ފިލްމު "ޒީރޯ" އިންނެވެ. މި ފިލްމުގެ ނާކާމިޔާބީއާއެކު ޝާހު ވަނީ ފިލްމީ ދާއިރާއިން ކުޑަ ބްރޭކެއް ނެގުމަށްފަހު އާއިލާއާއެކު ވަގުތު ހޭދަކޮށްފަ އެވެ. އަދި މި މުއްދަތުގެ ތެރޭގައި އިތުރު ޕްރޮޖެކްޓެއް ނެގުމުގެ ކުރިން 20 އަށްވުރެ ގިނަ ސްކްރިފްޓެއް ކިޔާފައިވެ އެވެ.

މިއަހަރުގެ ކުރީކޮޅު ޝާހު ވަނީ އަދިތްޔާ ޗޯޕްރާގެ ޔަޝް ރާޖް ފިލްމްސް އިން އުފައްދާ "ޕަޓާން" ފިލްމަށް އާބަސް ބުނެފަ އެވެ. މި ފިލްމް ޑައިރެކްޓްކުރަން ހަމަޖެހިފައިވަނީ 2019 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ވޯ" ގެ ޑައިރެކްޓަރު ސިދާތް އާނަންދެވެ.

މި ފިލްމުގެ ޝޫޓިން މިއަދު ފަށާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

މި ޕްރޮޖެކްޓުގެ މައުލޫމާތު ރަނގަޅަށް އެނގޭ ފަރާތަކުން މީޑިއާތަކަށް ބުނެފައިވާ ގޮތުގައި މިއަދު ޝާހުރުކް ވަނީ މުމްބާއީގައި ހުންނަ ޔަޝް ރާޖް ސްޓޫޑިއޯސްގައި ފިލްމުގެ މަސައްކަތް ފަށާފަ އެވެ.

ޝަހުރުކް މި ފިލްމާމެދު ވަރަށް އުންމީދު ކުރާކަމަށް މައުލޫމާތު އެނގޭ ފަރާތްތަކުން ބުނެ އެވެ.

ޝާހުގެ އިތުރުން މި ފިލްމުން ދެން ފެނިގެންދާނީ ދީޕިކާ ޕަޑުކޯން އާއި ޖޯން އަބްރަހަމް އެވެ. މި ދެތަރިންގެ މަންޒަރުތައް ނަގަން ފެށުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގަ އެވެ.