ނުވަދިހައިގެ އަހަރުތަކުގައި ފިރިހެން ބަތަލުންގެ ރޯލުތަކުން އެންމެ ވިދާލި ފަންނާނުންގެ ތެރޭގައި ހިމެނޭ އެކަކީ ގޯވިންދު އަރުން އަހޫޖާ އެވެ. އޭނާ އާންމުންގެ ތެރޭގައި މަޝްހޫރު ވެފައިވަނީ ގޯވިންދާގެ ނަމުންނެވެ.

ގޯވިންދާއަކީ ހިތް ތިރި އާންމުންނާއި ހިނިތުންވެލައިގެން މުހާތަބު ކުރާ މީހެއްގެ ގޮތުގައި ފާހަގަވެފައިވީނަމަވެސް އޭނާއަށް ލިބުނު މަގުބޫލުކަން މަޑުމަޑުން ފަނޑުވަމުން ދިޔައީ އޭރު ހިނގައިދިޔަ ކަމެއްގެ ސަބަބުންނެވެ.

ގޯވިންދާ ބޮލީވުޑްގައި އެންމެ ބޯޑަށް ވިދާލި ދުވަސްތަކަކީ އޭނާއާ ހިންދީ ސިނަމާގައި އޭރު ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ރާނީ މުކަރްޖީއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްވަރެވެ.

ލޯބީގެ ގޮތުން ގުޅި ދުވަސްތަކެއް ހޭދަވުމުން ރާނީ ބޭނުންވީ ގޯވިންދާއާ ކައިވެނި ކުރާށެވެ. ނަމަވެސް އޭރު ގޯވިންދާ ކައިވެނި ކޮށްގެން އުޅުނު ސުނީތާ އަހޫޖާ ދޫކޮށްލާކަށް ގޯވިންދާ ބޭނުމެއް ނުވި އެވެ. އަދި އޭގެ ސަބަބުން ރާނީއާ ގޯވިންދާގެ ގުޅުން މަޑުމަޑުން ހީނަރުވެގެން ދިޔައީ އެވެ.

އޭރު އެވާހަކަތައް މީޑިއާތަކުގެ ފަލަ ސުރުހީގައި ފާހަގަވެފައިވާއިރު، ގޯވިންދާގެ ގާތަށް އިންޓަވިއު ކުރުމަށް ދިޔަ ނޫސްވެރިއެއް އެކަމާއި ގުޅިގެން ސުވާލެއް ކުރުމުން ގޯވިންދާ ވަނީ ނޫސްވެރިޔާގެ މޫނުމަތީގައި ނުރުހުންވެ ޖަހާފަ އެވެ.

އެކަމާއި ގުޅިގެން އާންމުން ނުރުހުން ފާޅުކޮށްފައިވާއިރު، ގިނަ ބަޔަކަށް ގޯވިންދާގެ މިޒާޖު ކަމުނުދިޔައީ އެހާހިސާބުންނެވެ.