ކަލާޒް ޓީވީގެ ކާމިޔާބު ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ"ގެ ސީޒަން 12 ފަށަށް ތައްޔާޒުވެއްޖެ އެވެ.

މިއީ އިންޑިއާގައި މަޝްހޫރު ސެލެބްރިޓީންގެ އާދަޔާ ހިލާފު ހުނަރުތަކެއް ފެނިގެންދާ ޝޯއެކެވެ. މިފަހަރުގެ ޝޯގައި ވެސް ޓީވީ ސިލްސިލާތަކުން ފެނިގެންދާ މަޝްހޫރު ފަންނާނުންތަކެއް ބައިވެރިވާނެ އެވެ.

ބޮލީވުޑްގެ މަޝްހޫރު އަދި ކާމިޔާބު ޑައިރެކްޓަރު ރޯހިތް ޝެޓީ ހުށައަޅަމުން އަންނަ މިޝޯ މިފަހަރު ޝޫޓު ކުރުމަށް ހަމަޖެހިފައިވަނީ ދެކުނު އެފްރިކާގަ އެވެ.

މި ސީޒަންގައި ބައިވެރިވާނެކަމަށް އެންމެ ފުރަތަމަ ކަށަވަރު ކޮށްދިނީ "ބިގް ބޮސް 14" ކާމިޔާބު ކުރި ޓީވީ ތަރި ރުބީނާ ދިލައިކް އާއި "ބިގްބޮސް ސީޒަން 15" ގެ ތަރި ނިޝާންތް ބަޓާއި "ގުއްޑަން ތުމްސޭ ނާ ހޯ ޕާއޭގީ" އިން މަޝްހޫރުވި ތަރި ކަނިކާ މަން އެވެ.

"ހަތުރޯން ކޭ ކިލާޅީ"ގެ ސީޒަން 12 އިން ފެނިގެންދާނެ ބައެއް ފަންނާނުން

މީގެ އިތުރުން "ކުމް ކުމް ބާގްޔާ" އިން ޕްރަގްޔާގެ ރޯލުން ފެނުނު ސްރިތީ ޖާ، "ޔޭ ރިޝްތާ ކިޔާ ކެހެލާ ތާ" އިން ނައިރާގެ ރޯލުން ފެންނަ ޝިވާންޖީ ޖޯޝީ ވެސް މި ފަހަރުގެ ސީޒަންގައި ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަދި ރިއަލިޓީ ޝޯ "ލޮކް އަޕް" ކާމިޔާބުކުރި ތަރި އަދި ކޮމީޑިއަން މުނައްވަރު ފަރްގީ، އިތުރުން އިންފްލުއެންޒާ ފައިސޫ ވެސް މިފަހަރު ސީޒަންގައި ބައިވެރިވާނެ އެވެ. "ހަތުރޯން ކޭ ކިލާޅީ"ގެ ސީޒަން 12 ކަލާސް އިން ދައްކަން ފަށާނީ މިހާރު ދައްކާ "ޑާންސް ދިވާނޭ ޖޫނިއާ" ނިންމާލުމަށްފަހު އަންނަ ޖުލައި މަހު އެވެ.

https://www.youtube.com/watch?v=TfXuHE0Br70

"ހަތުރޯން ކޭ ކިލާޅީ" އިންޑިއާގެ އެންމެ ކާމިޔާބު ޓީވީ ޝޯތަކުގެ ތެރޭގައި ހިމެނޭ ޝޯއެކެވެ. "ހަތުރޯން ކޭ ކިލާޅީ"ގެ ސީޒަން 11 ކާމިޔާބު ކުރީ އެކްޓަރު އަރްޖުން ބިޖްލާނީ އެވެ.