ކަލާޒް ޓީވީގެ ކާމިޔާބު ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ"ގެ ސީޒަން 11 ޓީވީ އެކްޓަރު އަރްޖުން ބިޖްލާނީ ކާމިޔާބު ކޮށްފި އެވެ.

ބޮލީވުޑްގެ މަޝްހޫރު އަދި ކާމިޔާބު ޑައިރެކްޓަރު ރޯހިތް ޝެޓީ ހުށައަޅަމުން އަންނަ މި ޝޯ އަރުޖުން ކާމިޔާބު ކުރީ ފައިނަލްގައި ދިވްޔަންކާ ތުރިޕާޓީ އާއި ވިޝާލް އަދިތުޔާ ސިންގް އާ ވާދަކޮށްގެންނެވެ.

ދިވިޔަންކާ އަށް ދެވަނަ ލިބުނުއިރު ތިން ވަނަ ލިބިފައި ވަނީ ވިޝާލަށެވެ.

https://www.instagram.com/p/CUS-PFqge3Q/

"ހަތުރޯން ކޭ ކިލާޅީ 11" މި ފަހަރު ދެކުނު އެފްރިކާގައި ގެނެސްދީފައިވާއިރު މިޝޯގައި ބައިވެރިވެފައި ވަނީ "ބިގް ބޮސް 14" ގައި ވާދަކޮށް ދެވަނަ އަށް ދިޔަ ލަވަކިޔުންތެރިޔާ ރާހުލް ވައިދިއާ އާއި ތިން ވަނައަށް ދިޔަ ބަތަލާ ނިކީ ތަމްބޯލީ އާއި އެ ސީޒަން ބަތަލާ ރުބީނާ ދިލައިކް ކާމިޔާބުކުރިއިރު ޝޯގައި ވާދަކުރި ފިރިމީހާ އެކްޓަރު އަބިނާވް ޝުކްލާ އާއި "ބިގް ބޮސް 13" ގައި ވާދަކުރި ވިޝާލް އަދިތިޔާ ސިންގް އާއި މަޝްހޫރު ޓީވީ ތަރިން ކަމަށްވާ އަރުޖުން ބިޖްލާނީ އާއި ދިވްޔަންކާ ތުރިޕަތީ އާއި ޝްވޭތާ ތިވާރީ (ޕްރޭނާ) އާއި ޓީވީ އެކްޓަރު ސޯރަބް ޖެއިން އާއި ޓީވީ ބަތަލާ އަނުޝްކާ ސެން އާއި ލަވަކިޔުންތެރިޔާ އާސްތާ ގިލް އާއި "ބިގް ބޮސް 5" ގެ ދެވަނަ އަށް ދިޔަ ބަތަލާ މަހެކް ޗާހަލް އާއި އެމްޓީވީގެ "ރޯޑީޒް" އިން ވިދައިލި ވަރުން ސޫދާއި ބަތަލާ ސަނާ މަކްބޫލެވެ.

މިއީ 1990ގެ ތެރޭގައި މަޝްހޫރުވެގެންދިޔަ އެމެރިކާގެ ޓީވީ ޝޯ "ފިއާ ފެކްޓާ"ގެ އިންޑިއާ ވާޝަން އެވެ.

ޓީވީ ސްރީންތަކުން މަޝްހޫރު ތަރިން ހިމނައިގެން ގެނެސްދޭ މި ޝޯގައި ނުރައްކާތެރި ބިރުވެރި ސްޓަންޓްތައް ހަދަން ބައިވެރިންނަށް މަޖްބޫރުވެ އެވެ.

ކޮންމެ ސީޒަނެއް ވެސް ބޭރު ގައުމެއްގައި ޝޫޓްކޮށްގެން ގެނެސްދޭ އިރު، މިދިޔަ އަހަރު ބަލްގޭރިއާ އިން ގެނެސްދިން "ހަތުރޯން ކޭ ކިލާޅީ 10" ކާމިޔާބުކުރީ ބަތަލާ ކަރިޝްމާ ތައްނާ އެވެ.

އެ ޝޯއަށް ފަހު "ހަތުރޯން ކޭ ކިލާޅީ: މޭޑް އިން އިންޑިއާ" ގެ ނަމުގައި އިންޑިއާ އިން ޝޯއެއް ގެނެސްދިނެވެ. ފަރާ ޚާނާއި ރޯހިތު ހޯސްޓްކުރި އެ ޝޯ ކާމިޔާބުކުރީ ނިއާ ޝަރުމާ އެވެ.