ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރު ބަޔަކު ދިން ބޮމުގެ ހަމަލާއާ ގުޅުވައި އެ މަނިކުފާނު ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)އަށް ކުރައްވާފައިވާ ތުހުމަތުތާ ގުޅޭ މައްސަލަ ބެލުމަށް މަޖިލީހުގެ އިމްތިޔާޒާ ސުލޫކާ ބެހޭ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ރައީސް ނަޝީދުގެ ވާހަކަތަކާ ގުޅިގެން މައްސަލަ ބަލައިދިނުމަށް އެދި އަނދުން ހުސައިން ކޮމިޓީއަށް ފޮނުވި ސިޓީގައި ވިދާޅުވީ ރައީސް ނަޝީދުގެ ވާހަކަތަކަކީ ހަގީގަތެއް ނެތް ތުހުމަތުތަކައް ކަމަށާއި އޭގެ ސަބަބުން އޭނާގެ ހައްގުތަކާއި އިމްތިޔާޒަށް އުނިކަން އަންނަ ކަމަށެވެ. އަދި ރައީސް ރައީސް ނަޝީދު ފަދަ، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅަކު އެފަދަ ވާހަކައެއް ދެއްކެވުމަކީ އޭގެ ސަބަބުން އޭނާގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިވުމުގެ އިހުތިމާލު އޮތް ހައްސާސް މައްސަލައެއް ކަމަށެވެ.

މިއަދު ބޭއްވި އިމްތިހާތު ކޮމިޓީގެ ބައްދަލުވުމުގައި އެ މައްސަލަ ބަލައިގަތުމަށް ހުށަހެޅީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ. އެ ހުށައެޅުމަށް ތާއީދު ކުރެއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އެވެ.

މައްސަލަ ބަލައިގަތުމަށް ފާސްކުރީ ކޮމިޓީގައި ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

މިދިޔަ އަހަރުގެ މެއި ހަ ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މި މަހުގެ އަށްވަނަ ދުވަހު މަޖިލީހުގެ ވަޓްސްއެފް ގުރޫޕަށް އެމަނިކުފާނު ކުރެއްވި މެސެޖުތަކެއްގައި ވިދާޅުވީ ބޮމުގެ ހަމަލާގެ ރޭވުންތައް ފޮރުވުމުގައި ސަރުކާރަށް އަނދުން ހުސެއިން ވާގިވެރިވި ކަމަށެވެ. އަދި އަނދުން ހުސައިގެން "އަތުގައި" އެމަނިކުފާނުގެ ލޭ ހޭކިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ދެން އޮންނަ ކޮމިޓީގެ ބައްދަލުވުމެއްގައި އެ މައްސަލަ ކުރިއަށް ގެންދިއުމަށް އެޖެންޑާ ކުރާން ނިންމާފައިވަނީ ކައުންސިލާ ޖެނެރަލްގެ ލަފާގެ މަތިންނެވެ.