ދިވެހިރާއްޖެ އާއި ފޯޅަވައްސާ ދެމެދުވާ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލައިގައި ރާއްޖެއިން އަމަލުކޮށްފައިވާ ގޮތް ބަލައި ފިޔަވަޅުއެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ހާއްސަ ކޮމިޝަނެއް އުފައްދަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނި ގޮތުގައި އެ ކޮމިޝަން އުފެއްދެވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިފައިވަނީ ރާއްޖެއިން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ކަމަށް، އެކަމުގައި އަމަލުކުރާނެ ގޮތެއް ހޯދުމަށް އައްޔަންކުރި ބޭރުގެ މާހިރުންގެ ރިޕޯޓުތަކުން ލަފާދީފައި ވާތީ އެވެ. އެހެންކަމުން އެ މައްސަލައިގައި އިހުމާލުވި ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަކީ އެ ކޮމިޝަން އުފެއްދެވި މައިގަނޑު ބޭނުމެވެ.

އަލަށް އުފެއްދެވި ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރޭގައި އަހުމަދު ޝާކިރު (ކަށިމާ ޝާކިރު) އާއި އަބްދުލްއަޒީޒް ޔޫސުފް އާއި އާމިނަތު ޝާފިޔާ އާދަމް އަދި އަބްދުލްމުހުސިން މުހައްމަދު ހިމެނިވަޑައިގަންނަވަ އެވެ. މީގެއިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) މުހައްމަދު ސާދިގު އާއި އަހުމަދު އަލީ މަނިކު އަދި ފާތިމަތު މިންހަތު އިއްޒަތު ވެސް ވަނީ އެ ކޮމިޝަނަށް އައްޔަންކުރައްވާފަ އެވެ.

އެ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މައިގަނޑު ހަ ކަމެއް އިޓްލޮސްގެ މައްސަލައާ ގުޅުވައިގެން ހަމަޖައްސަވާފައިވެ އެވެ. އޭގެ ތެރޭގައި އިޓްލޮސްއަށް މައްސަލަ ހުށަހެޅުމާ ހަމައަށް އެ މައުޟޫ އެގޮތަށް ހުށަހެޅި ކުރިއަށް ދިޔުމާއި، އެ މައްސަލައިގައި ޖަވާބުދާރީވުމަށްޓަކައި ސީދާގޮތުންނާއި ނުސީދާގޮތުން ލަފާދިން މީހުން އަމަލުކޮށްފައިވާ ގޮތް ތަހުގީގު ކުރުން ހިމެނެ އެވެ.

އޭގެ އިތުރުން އެ މީހުންނަށް އިހުތިޔާރާއި ބާރުތައް ލިބިގެންވީ މީހުންގެ ގާނޫނީ އިހުމާލެއް އޮތް ތޯ ބެލުމާއި، ގާނޫނީ އިހުމާލެއް އޮތްނަމަ އެކަންކަން ކަނޑައެޅުން ވެސް ކޮމިޝަނުގެ ޒިންމާތަކުގެ ތެރޭގައި ހިމެނެ އެވެ. އަދި އިޓްލޮސް މައްސަލައާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ބަލަހައްޓައި ރައްކާކޮށްފައިވާ ގޮތް ތަހުގީގު ކުރުމަށް ވަނީ ހަވާލުކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން ޒިންމާކުރުވަންޖެހޭ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައް ކަނޑައެޅުމުގެ އިތުރުން، އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން އިންތިޒާމުކުރުމަށް ފެންނަ ކަންކަން ހުށަހެޅުން ވެސް ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެ އެވެ.