"ޗައިލްޑް ސޭފްގާޑިން ޕޮލިސީ" އަކީ ކުޅިވަރުގެ މައިދާނާއި އަދި ކުޑަކުދިން ޝާމިލްވާ ގޮތަށް ކުރާ ކޮންމެ ކަމެއްގައިވެސް، އެ ކުދިންނަށް ފުރިހަމަ ޙިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުމަށް އެޅިގެންދާ އިތުރު ބާރަކަށް ވެގެންދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ "ޗައިލްޑް ސޭފްގާޑިން ޕޮލިސީ" އިފްތިތާޙްކުރުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޕޮލިސީއަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އިސްނަގައިގެން އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް)ގެ ބައިވެރިވުމާއެކު އެކުލަވާލި ޕޮލިސީއެކެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ "ޗައިލްޑް ސޭފްގާޑިން ޕޮލިސީ" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މި ޕޮލިސީ އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، މި ސިޔާސަތުގެ ސަބަބުން ކުޅިވަރުގެ މައިދާނުގައި ކުޑަކުދިންނަށް ރައްކާތެރިކަން ލިބުމުގެ އިތުރުން އެކުދިންނަށް ލިބެންވާ ރައްކާތެރިކަމާ މެދު އެކުދިންގެ ހޭލުންތެރިކަން އިތުރުވެގެންދާނެކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.

މި ސިޔާސަތަކީ މުޅި ރާއްޖޭގައި ޤައުމީ ފެންވަރެއްގައި ތަންފީޒުކުރާނެ ސިޔާސަތެއްކަން ފާހަގަކުރައްވައި މި ސިޔާސަތު ތަންފީޒުކުރުމުގައި ސަރުކާރުގެ ހުރިހާ އިދާރާތަކުގެ ބައިވެރިވުން ފުރިހަމަ ގޮތުގައި ލިބޭނެކަމުގެ ޔަޤީންކަން ރައީސަށް އެރުވި އެވެ. އަދި މި ސިޔާސަތަކީ ރާއްޖޭގެ ކުޑަކުދިން ރައްކާތެރިކުރުމަށް ލިބިގެންދާ ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި މި ސިޔާސަތު ތަންފީޒު ކުރުމުގައި އާއިލާތަކާއި، މަދަނީ ޖަމްއިއްޔާތަކާއި އަދި މުޅި މުޖްތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުން ވެސް ބޭނުންވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ޗައިލްޑް ސޭފްގާޑިން ޕޮލިސީ" އަކީ ރާއްޖޭގައި ކުޅިވަރުގެ ހަރަކާތްތަކުގައި ކުޑަކުދިން ރައްކާތެރިކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ އަމަލުކުރާނެ ސިޔާސަތެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ "ޗައިލްޑް ސޭފްގާޑިން ޕޮލިސީ" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މި ޕޮލިސީ ބައްޓަންކޮށްފައި ވަނީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީން ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ މިންގަނޑުތަކާއި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.