ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރު، ރިތޭޝް ދޭޝްމުޚް އަދި ފަރުދީން ހާން މައިގަނޑު ރޯލުތަކުން ފެނިގެންދިޔަ، 2007 ވަނަ އަހަރު ނުކުތް ކާމިޔާބު ކޮމެޑީ ފިލްމު "ހޭ ބޭބީ"ގެ ސީކުއަލްއެއް އުފައްދަން ނިންމައިފި އެވެ.

މި ފިލްމު ސިނަމާތަކަށް އައިތާ ގާތްގަނޑަކަށް ވިހި އަހަރު ފަހުން މި ގެނެސްދޭ ސީކުއަލްގެ ހަބަރާއެކު ފިލްމީ ދާއިރާއަށް ވަނީ ބޮޑު ފޯރިއެއް ވެރިވެފައެވެ.

ފިލްމުގެ ޕްރޮޑިއުސަރު ސާޖިދު ނަޑިއާޑްވާލާ ވަނީ އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ ޕްރިމިއަރ ކްރިސް މިންސްއާއެކު މުމްބާއީގައި ބޭއްވި ހާއްސަ ބައްދަލުވުމެއްގައި "ހޭ ބޭބީ 2" ރަސްމީކޮށް އިއުލާނު ކޮށްފަ އެވެ.

މި އެއްބަސްވުމުގެ ދަށުން "ހޭ ބޭބީ 2" ހިމެނޭހެން ނަޑިއާޑްވާލާ ގްރޭންޑްސަން އެންޓަޓެއިންމަންޓުން އުފައްދާ ތިން ފިލްމެއް އޮސްޓްރޭލިއާގައި ޝޫޓްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޮރިޖިނަލް ފިލްމު ފަދައިން މި ސީކުއަލްގެ ބޮޑުބައިވެސް ޝޫޓް ކުރުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގަ އެވެ.

2007 ވަނަ އަހަރު ނުކުތް ފުރަތަމަ ފިލްމަކީ ވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދައި، ތިން ޒުވާނުންނާއި ކުޑަކުއްޖެއްގެ ދެމެދުގައި ހިނގާ މަޖާ އަދި ހިތްގައިމު ވާހަކައެއް ކިޔައިދިން ފިލްމެކެވެ.

ނަމަވެސް، މި ފިލްމުގެ ލީޑް ތަރިންނާއި ޑައިރެކްޓަރު އަލުން އެނބުރި އަންނާނެ ކަމެއް ނުވަތަ ނޫންކަން ޕްރޮޑިއުސަރު އަދި ހާމަ ކޮށްފައެއް ނުވެ އެވެ.

ފިލްމުގެ ކާސްޓާއި އެނޫން ވެސް އެހެން ކަންކަމާ ގުޅޭ އިތުރު ތަފުސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށް ބެލެވެ އެވެ.