ބޮލީވުޑްގެ ޒުވާން ހުނަރުވެރި އެކްޓަރު ކާތިކް އާރިޔަން އާއި ކިއާރާ އަދުވަނީ ލީޑް ރޯލް ފެނިގެންދާ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2" މިއަދު ރިލީޒްކުރަން ތައްޔާރުވެއްޖެ އެވެ.

މި ފިލްމު އެންމެ ފުރަތަމަ ނެރުމަށް ނިންމާފައި އޮތީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް ފިލްމުގެ ޕްރޮޑަކްޝަނުން ވަނީ ފިލްމު މިއަހަރު ނެރުމަށް ފަސްކޮށްފަ އެވެ.

އަނީސް ބަޒްމީ ޑައިރެކްޓްކޮށް ބުޝަން ކުމާރުގެ ޓީ ސީރީޒް އިން ޕްރޮޑިއުސްކުރާ މި ފިލްމުގައި ކާތިކް އާއި ކިއާރާގެ އިތުރުން ތައްބޫ މައިގަނޑު ރޯލުތަކުން ފެނިގެންދާނެ އެވެ.

"ބޫލް ބުލައްޔާ 2" އަކީ 2007 ވަނަ އަހަރު އަކްޝޭ ކުމާރާއި ވިދްޔާ ބާލަންއާއެކު ޕްރިޔަދަރްޝަން ގެނެސްދިން ހޮރޯ- ކޮމެޑީ "ބޫލް ބުލައްޔާ" ގެ ސީކުއެލްއެކެވެ.

2007 ވަނަ އަހަރު ނެރުނު ފިލްމަށް ވެސް ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާއިރު، މިފަހަރު ނެރޭ ސީކުއެލް ވެސް ކާމިޔާބު ވެގެންދާނެ ކަމަށް ޕްރޮޑަކްޝަނުން ލަފާކުރެ އެވެ.