ސައުތު އިންޑިއާއިން ހަދަން ފަށާފައިވާ "ސަލާރް، ދަ ސާގާ" ގެ މައުލޫމާތު ނުދޭނަމަ އަމިއްލައަށް މަރުވާނެ ކަމަށް ބުނެ ފޭނަކު ޕްރޮޑަކްޝަނަށް އިންޒާރުދީފި އެވެ.

ފަހަކަށް އައިސް ސައުތުގެ ފިލްމުތަކަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާއިރު، ސައުތުގެ ހިޓް އެކްޓަރެއް ކަމުގައިވާ ޕްރަބާސް ކުޅެން ހަމަޖެހިފައިވާ އެ ފިލްމު ނިންމައި ނެރޭނެ އިރަކަށް ފޭނުން ދަނީ އިންތިޒާރު ކުރަމުންނެވެ.

އެގޮތުން ފޭނަކު ވަނީ އެ ފިލްމުގައި ވާނުވާ ކިޔައިދިނުމަށް އެދި ފިލްމުގެ ޕްރޮޑަކްޝަނަށް ސިޓީއެއް ލިޔެފަ އެވެ.

ސިޓީގައި އޭނާ އަކީ ޕްރަބާސްގެ ފޭނެއް ކަމަށް ލިޔެފައިވެ އެވެ. އަދި ފިލްމުގެ ޑައިރެކްޓަރު ކަމަށްވާ ޕްރަޝާންތް ނީލް، ފިލްމާއި ގުޅުން ހުރި މައުލޫމާތުތައް ދޭނެކަމަށް ބުނިތާ ދެ ހަފްތާ ވެފައިވާކަމަށާއި، ހަބަރެއް ނުވުމާއި ގުޅިގެން މާޔޫސްވެފައިވާކަމަށް ލިޔެފައިވެ އެވެ.

އޭގެ އިތުރުން ފިލްމުގެ އެއްވެސް އިތުރު މައުލޫމާތެއް ނުވަތަ މަންޒަރެއް މިމަހުގެ ތެރޭގައި ނުފެނިއްޖެ ނަމަ، އޭނާ އަމިއްލައަށް ދަންޖެހިގެން މަރުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މިފަދަ މެސެޖުތަކާއި ސިޓީތައް ފިލްމުގެ ކާސްޓުންގެ ސޯޝަލްމީޑިއާއަށް އައުމާއި ގުޅިގެން ފިލްމުގެ ޕްރޮޑަކްޝަނުން ވަނީ، ފިލްމުގެ ނަމުގައި ވަކިން ސޯޝަލް މީޑިއާ އެކައުންޓެއް ހުޅުވާފަ އެވެ.

ސައުތު އިންޑިއާއިން ނެރުމަށް ހަމަޖެހިފައިވާ މި ފިލްމުގައި ޕްރަބާސްގެ އިތުރުން މަޝްހޫރު ތަރި ޝްރޫތީ ހަސަން ވެސް ފެނިގެންދާނެ އެވެ. ފިލްމު ނެރެން ހަމަޖެހިފައިވާ ދުވަހެއް ޕްރޮޑަކްޝަނުން ހާމަކޮށްފައެއް ނުވެ އެވެ.