ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1،530 ސާމްޕަލް ޓެސްޓް ކުރުމުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 68 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 36 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުން ކަމަށެވެ. ބާކީ ތިބި 32 މީހުން ޕޮޒިޓިވްވީ އަތޮޅުތެރެއިން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިހާރު ރާއްޖޭގެ ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 925 އެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑުން ރަނގަޅުވި މީހުންގެ އަދަދަކީ 11،475 އެވެ. މިހާތަނަށް ކޮވިޑްގައި ރާއްޖެއިން މަރުވި މީހުންގެ އަދަދަކީ 45 އެވެ. ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 73 އެވެ.

އެޗްޕީއޭ އިން ބުނީ މާލެ ފިޔަވައި 15 ރަށެއްގައި 14 މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ. 29 ރިސޯޓެއްގައި 48 ފަތުރުވެރިންނާއި 90 މުވައްޒިފުންނަށް ވެސް ކޮވިޑް ޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.