ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ހަކަތަ ފޯރުކޮށްދިނުމަށް ކުރަމުންދާ ދެމެހެއްޓެނިވި މަސައްކަތަށް ދުނިޔޭގެ އެންމެ ވަރުގަދަ ޖަނަރޭޓަރުސެޓް އުފައްދާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ފިންލެންޑްގެ ވާޓްސިލާ ކުންފުނިން ތަޢުރީފުކޮށްފި އެވެ.
ދުނިޔޭގެ އެންމެ ވަރުގަދަ ޖަނަރޭޓަރު ސެޓް އުފައްދާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ފިންލެންޑްގެ ޓެކްނޮލޮޖީ ގްރޫޕް ވާޓްސިލާ ކުންފުނިން ސްޓެލްކޯއިން ހަކަތަ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތައް ފާހަގަކޮށް ތައުރީފްކޮށްފައިވަނީ އެ ދެ ކުންފުނިން އެކުގައި މަސައްކަތް ކުރާތާ މިއަހަރަށް 30 އަހަރުފުރުމާއި ގުޅިގެން ނެރުނު ބަޔާނެއްގައި އެވެ.
ހަކަތައިގެ ދާއިރާގައި ރާއްޖޭގެ މައި އެއް ކުންފުނި، ސްޓެލްކޯގެ ޚިދުމަތް ފެށީ 1949ގަ އެވެ. ރާއްޖެއަށް ފުރަތަމަ ވާޓްސިލާގެ ޖަނަރޭޓަރު ސެޓެއް ގެނައީ 1990 ވަނަ އަހަރެވެ.
އާންމުގޮތެއްގައި ޑީސަލް ޖަނަރޭޓަރެއްގެ އުމުރަކީ 25 އަހަރު ނަމަވެސް، މާލޭ އިންޖީނުގެއަށް ގެނައި އެ ޖަނަރޭޓަރު ސެޓްތައް މިއަދާ ހަމައަށްވެސް ބޭނުންކުރަމުންދެ އެވެ. އެކަން ފާހަގަކޮށް ވާޓްސިލާއިން ވަނީ އެ ޖަނަރޭޓަރުތަކުގެ މެއިންޓަނެންސް ބެލެހެއްޓުމުގައި ސްޓެލްކޯގެ ގާބިލް އަދި ތަޖުރިބާކާރު އިންޖިނިއަރުންގެ މަސައްކަތް ފާހަގަކޮށް، އެ މަސައްކަތަށް ތައުރީފްކޮށްފަ އެވެ.
ވާޓްސިލާއިން ރާއްޖެއަށް 1990ގައި ފޮނުވި ދެ ޖަނަރޭޓަރު ސެޓުގެ އިތުރުން މާލޭ އިންޖީނުގެއަށް އިތުރު ހަ ޖަނަރޭޓަރު ސެޓެއް ގެނެސްފައިވެ އެވެ. އަދި ހުޅުމާލޭގައި އަޅާފައިވާ 50 މެގަވޮޓް އިންޖީނުގޭގައި ބޭނުން ކުރަމުންދަނީވެސް ވާޓްސިލާގެ ހަ ޖަނަރޭޓަރު ސެޓެވެ. އެއާއެކު ވާޓްސިލާގެ އިންޖީނުތަކުގެ ކެޕޭސިޓީ ޖުމްލަ 100މެގަވޮޓަށް އަރަ އެވެ.
ޖަނަރޭޓަރު ސެޓް ފޯރުކޮށްދިނުމުގެ އިތުރުން ވާޓްސިލާ ލައިފްސައިކަލް ސާވިސަސްގެ ހިދުމަތުގެ ދަށުން ސްޓެލްކޯގެ އިންޖިނިއަރުންނަށް އަބަދުވެސް ތަމްރީނުތައް ކުރިއަށްގެންދެ އެވެ. އޭގެ އިތުރުން ވާޓްސިލާގެ އެންމެފަހުގެ އުފެއްދުން ކަމަށްވާ ސްޓޭޓް އޮފް ދަ އާޓް އިންޖިން ކޮންޓްރޯލް އެންޑް މޮނިޓަރިން ސިސްޓަމް މިހާރު ސްޓެލްކޯގައި ދަނީ ބޭނުން ކުރަމުންނެވެ. މިއީ ޖަނަރޭޓަރު ސެޓްތަކުން ކަރަންޓު އުފައްދަން ބޭނުންވާ ތެލުގެ މިންވަރު ކުޑަކޮށް، ވައި ތަޣައްޔަރުވާ އިންސައްތަ މަދުކުރުމަށް އުފައްދާފައިވާ ސިސްޓަމެކެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ރާއްޖެފަދަ ޖަޒީރާ ރަށްތަކެއްގެ މައްޗަށް ބިނާވެގެންވާ އަދި ފަތުރުވެރިކަމުގެ ސިނާއަށް ބަރޯސާވާ ގައުމަކަށް ކަރަންޓު ފޯރުކޮށްދޭންޖެހޭ ނިޒާމު ތަފާތުވިކަމުގައި ވީނަމަވެސް ކަރަންޓުގެ ހިދުމަތް އެންމެ ފުރިހަމައަށް ފޯރުކޮށްދެވޭ ކަމަށެވެ. އަދި އެއީ ވާޓްސިލާ ކުންފުނީގެ ޓެކްނިލަކް ގާބިލުކަމާއި އެފަރާތުން ދެއްވާ ކަސްޓަމާ ސާވިސްގެ ފުރިހަމަކަމުން ކަމަށް ފާހަގަކުރެއްވި އެވެ.
ޝަރީފު ވިދާޅުވީ، 1990 އަހަރު ބޭނުންކުރަން ފެށި ޖަނަރޭޓަރު ސެޓްތައް މިއަދާ ހަމައަށް އެހާ ފުރިހަމަށް މަސައްކަތްކުރުމަކީ ފާހަގަކުރަންޖެހޭ ކަމެއް ކަމަށެވެ.
އަދި ވާޓްސިލާ ކުންފުނިން ސްޓެލްކޯއަށް ވެދީފައިވާ އަދި މިހާރު ދެމުންގެންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށް ޝަރީފު ވަނީ، މުސްތަގުބަލުގައި އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ސްޓެލްކޯއިން ކުރާ މަސައްކަތުގައި ވާޓްސިލާގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފަ އެވެ.
ވާޓްސިލާ އެނާޖީގެ ދެކުނު އޭޝިއާގެ ޑިރެކްޓަރު، ހެންރީ ވޭން ބޮކްސްޓެލް ވިދާޅުވީ ދެ ކުންފުނީގެ ދެމެދުގައި ދިގު މުއްދަތަކަށް ދިމެގެން މިދާ ވަރުގަދަ ގުޅުމަކީ ވަރަށް ފާހަގަކޮށްލެވޭ ގުޅުމެއް ކަމަށާއި 30 އަހަރު ވަންދެން ޖަނަރޭޓަރުތަކުން ކަރަންޓު ފޯރުކޮށްދެވުމުން އެނގެނީ ސްޓެލްކޯގެ އިންޖީނިއަރުންގެ ގާބިލުކަމާއި މެއިންޓެނެންސްގެ މަސައްކަތުގެ ފުރިހަމަކަން ކަމަށެވެ.
އަދި ވާޓްސިލާ ގުރޫޕްގެ އުއްމީދަކީ އެ ކުންފުންޏާއި ދިވެހި ސަރުކާރާއި ސްޓެލްކޯއާ އޮންނަ ގުޅުން އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރާ މަރުހަލާގައިވެސް އެގޮތުގައި ދެމިއޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯއަކީ ރާއްޖޭގެ އިންޖީނިއަރިން ދާއިރާގައި އެންމެ ތަޖުރިބާކާރު އަދި ގާބިލު އިންޖީނިއަރުންގެ ޕޫލް އޮތް ކުންފުންޏެވެ. އެގޮތުން އިންޖީނިއަރިން ފީލްޑުގައި 600 އަށްވުރެ ގިނަ މުވައްޒަފުން ސްޓެލްކޯގައި މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.