ނަވާރަ ސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ތަރި މަދޫރީ ދިކްޝިތް ހިކިފައި ހުރުމުން ގިނަ ބަޔަކު އޭނާއަށް މަލާމާތް ކުރި ކަމަށް ބުނެފި އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން މަދޫރީ ބުނީ، އެންމެ ފުރަތަމަ އޭނާ އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ގުޅުނު އިރު ހުރީ ވަރަށް ހިކިކޮށް ކަމަށެވެ. އަދި އެކަމާ ގުޅުވައިގެން އޭނާއަށް އެކި ގޮތް ގޮތުން މީހުން މަލާމާތް ކުރި ކަމަށް މަދޫރީ ވަނީ ބުނެފަ އެވެ.

އަދި އޭނާ ކައިރީގައި ގިނައިން ކެއުމަށް އެންގި ކަމަށާއި، އެހެން ނަމަވެސް މިހާރު ޒަމާން އެއްކޮށް ބަދަލުވެފައިވާ ކަމަށް އޭނާ ބުނެފައިވެ އެވެ.

އެގޮތުން މިހާރު ކިތަންމެ ހިކިކޮށް ހުއްޓަސް އެއްވެސް މީހަކަށް އެއްވެސް ފާޑުކިޔުމެއް އަމާޒުވުން ދުރު ކަމަށާއި، ތަރިން ހިކިވި ވަރަކަށް އެއީ ރީތިކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި މިހާރު ގިނަ ބަޔަކަށް ސިފަވާ ކަމަށް އޭނާ ބުނެފައިވެ އެވެ.

މާދުރީ އެންމެ ފުރަތަމަ ބޮލީވުޑަށް ޑެބިއުޓް ކުރީ 1984 ވަނަ އަހަރު ފިލްމު "އަބޯދް" އިންނެވެ. އާންމުންގެ ތެރޭގައި މަދޫރީ އެންމެ ބޮޑަށް މަގުބޫލުވެފައި ވަނީ އޭނާގެ ރީތި ކަމަށާއި، ހަރަކާތްތައް ފުރިހަމަ ނެށުންތަކުންނެވެ.