ދިވެހި ފިލްމް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ އިލްޔާސް ވަހީދު (އިއްލެ)ގެ ޑްރާމާ ސިލްސިލާ "ބިރުވެރި ވާހަކަ"ގެ ޓްރެއިލާ އާންމުކޮށް، ދައްކަން ފަށާނެ ތާރީހު އިއުލާނު ކޮށްފި އެވެ.

އައި ފިލްމްސްއިން ގެނެސްދޭ "ބިރުވެރި ވާހަކަ"ގެ އަކީ ބިރުވެރި އުފެއްދުންތަކަށް ލޯބިކުރާ މީހުން ބޭނުންވާނެ ހުރިހާ ރަހަތަކެއް ހިމަނައިގެން ގެނެސްދޭނެ ޑްރާމާ ސިލްސިލާއެއްކަން ޓްރެއިލާ ވެސް ދައްކުވައިދެ އެވެ. އަންނަ މަހުގެ ތިން ވަނަ ދުވަހު ރިލީޒްކުރާ މިޑްރާމާ ފެނިގެންދާނީ ދިރާގު ޓީވީން ނެވެ.

އެންތޮލޮޖީ އެޕިސޯޑުތަކެއްގެ ގޮތުގައި ގެނެސްދޭ "ބިރުވެރި ވާހަކަ"ގެ ފުރަތަމަ ޓްރެއިލާއިން ފެންނަ ޝޯގެ ކާސްޓުންގެ ތެރޭގައި އިންޑަސްޓްރީގައި ނަން މަޝްހޫރު ތަރިންނާއި އަރަމުން އަންނަ ތަރިން ފާހަގަކުރެވެ އެވެ.

https://www.youtube.com/watch?v=KuAeqkSpnpg

އެގޮތުން އައިޝަތު ރިޝްމީ، ނުޒުހަތު ޝުވައިބް (ނުޒޫ)، މަރިޔަމް އައްޒަ، ޝަރާ، މުހައްމަދު ވިޝާލް (ރޯމަން)، ނަތާޝާ ޖަލީލް، އިފްނާޒު ފިރާގާއި އޭނާގެ އަންހެނުން ތާތި އަދި ޝަރަފް އަބްދުﷲ ފަދަ ފަންނާނުން ފެނިގެންދާނެ އެވެ.

ތަފާތު ފަސް ވާހަކައެއް ކިޔައިދޭ އެ ޝޯގައި އެ ހުރިހާ ވާހަކަތަކެއް އެއް ވާހަކަ އަނެއް ވާހަކައާ ގުޅިފައިވާނެ ކަމަށް ޓްރެއިލާއިން އިޝާރާތް ކުރެ އެވެ.