ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމުގެ އިންތިހާބު އޮޅުވާލަން އުޅޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް އެ އޮތޯރިޓީގެ ސީއީއޯ މުހައްމަދު ނިމާލު ކުރައްވައިފި އެވެ.
ޓީވީއެމްގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނިމާލް ވިދާޅުވީ، އޮގަސްޓް 8 ގައި ބާއްވަން އުޅުނު އިންތިހާބު ފަސްކުރަން ނިންމީ ވޯޓުލާން ނުދާ ކައުންސިލަރުންގެ ބަދަލުގައި އެލްޖީއޭގެ އަތޮޅު ބްރާންޗުތަކުގައި ތިބި ވަކި ސިޔާސީ ފިކުރެއްގެ މުވައްޒަފުން މެދުވެރިކޮށް ވޯޓު އޮޅުވާލަން އުޅޭކަމުގެ ޝަކުވާ ލިބުމާ ގުޅިގެން ކަމަށެވެ. އަދި މިއީ އިންތިހާބުގެ ސަބަބުން އެލްޖީއޭ ބަދުނާމުވުމުން ސަލާމަތްކުރުމަށް އޭނާ އަމިއްލައަށް ނެންގެވި ނިންމެވުމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ނިމާލް ވިދާޅުވި ގޮތުގައި މައްސަލަ ހައްލުކުރުމަށްޓަކައި ދެން އިންތިހާބު ކުރިއަށް ގެންދާނީ މާލޭގައި ތިބި އެލްޖީއޭގެ މުވައްޒަފުން ރަށްރަށަށް ފޮނުވައިގެންނެވެ. އަދި އިދާރީ ކަންކަން ހައްލުކުރުމަށްފަހު ވަރަށް އަވަހަށް އިންތިހާބު ބާއްވާނެ ކަމަށް ވިދާޅުވި ނަމަވެސް، ވަކި ތާރީހެއް އިއުލާނެއް ނުކުރައްވަ އެވެ.
މި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން:
- އެމްޑީޕީ: ނ. މަނަދޫ ކައުންސިލް ރައީސް އަލީ ޒާފިރު އަދި ލ. ގަމު ޑަބްލިއުޑީސީ ރައީސް މަރްޔަމް ނީނާ
- ޕީއެންސީ: ފ. ނިލަންދޫ ކައުންސިލް ރައީސް އަލީ އަހްމަދު އަދި ށ. ފުނަދޫ ޑަބްލިއުޑީސީ ރައީސް މަރްޔަމް ޒީނާ
- ސިޓީ ކައުންސިލް: ކުޅުދުއްފުށި ސިޓީ މޭޔަރު މުހައްމަދު އާތިފް
އިންތިހާބު ލަސްވަމުންދާތީ އިދިކޮޅު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށް، އިންތިހާބު އަވަސްކުރުމަށް ގޮވާލާފަ އެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުން ވަނީ އެލްޖީއޭ ބޯޑަށް އާއިޝަތު އާރިފާ އަދި މުހައްމަދު އާރިފް އައްޔަންކުރަން ފާސްކޮށްފަ އެވެ. އެލްޖީއޭގެ ބޯޑުގެ ރައީސަކީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ.
ޕީއެންއެފްގެ "ފެހި ސިގްނަލް" ޖަލްސާ ސެޕްޓެމްބަރު 10ގައި
ޑޮލީ ޕާޓަންއަށް ހާއްސަ ދުވަހެއް އެމެރިކާގައި ފާހަގަ ކުރަނީ!
އެންޑީއެމްއޭއަށް 13،000 އަކަފޫޓުގެ ބޮޑު ބިމެއް