ސިއްހީ ދާއިރާއަށް ލިބުނު އިންގިލާބީ ކުރިއެރުމެއްގައި އިންސާނެއްގެ ހަށިގަނޑުގައި ޖެނެޓިކްކޮށް ބަދަލުކޮށްފައިވާ އޫރެއްގެ ކިޑްނީއެއް ރެކޯޑު މުއްދަތަކަށް މަސައްކަތް ކޮށްފައިވާ ކަމަށް ސައިންސްވެރިން ހާމަކޮށް ފިއެވެ. އެމެރިކާގެ

މާސް ޖެނެރަލް ބްރިޖްހަމް ހޮސްޕިޓަލުގެ ޑޮކްޓަރުން ކުރިއަށްގެންދިޔަ މި ކާމިޔާބު ތަޖުރިބާއަކީ ގުނަވަން ބަދަލުކުރުމުގެ އިންތިޒާރުގައި ތިބި މީހުންނަށް ލިބިގެންދިޔަ ބޮޑު އުއްމީދެކެވެ.

މި ތަޖުރިބާގެ ދަށުން ޓިމް އެންޑްރޫސް ނަމަކަށް ކިޔާ މީހެއްގެ ހަށިގަނޑަށް ލެއްވި މި އޫރު ކިޑްނީގެ ސަބަބުން، ގަވާއިދުން ޑައިލިސިސް ހަދަން ޖެހުމުން ވަކި މުއްދަތަކަށް އޭނާއަށް ވަނީ ދުރުވެވިފަ އެވެ.

އެގޮތުން ޖުމްލަ 271 ދުވަސް ވަންދެން ޓިމްގެ ހަށިގަނޑުގައި އޫރު ކިޑްނީ ބަރާބަރަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އޭގެ ފަހުން އެ ފެއިލްވެ ޑައިލަސިސް ހަދަން ފަށަން ޖެހުނެވެ.

އިންސާނުންގެ ގުނަވަން ލިބުން ދަތިވެފައިވާ މިފަދަ ދުވަސްވަރެއްގައި، މިފަދަ ޒަރީޢާއަކުން ގުނަވަން ހޯދުން ވެގެންދާނީ ބަލިމީހުންގެ ފުރާނަ ސަލާމަތްކުރުމަށް ލިބޭ މުހިންމު ފުރުސަތަކަށް ކަމަށް ޑޮކްޓަރުން ބުނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގުނަވަން ލިބުމުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާއިރު، ހަމައެކަނި އެމެރިކާގައިވެސް އެތައް ހާސް ބަޔަކު ކިޑްނީއެއް ލިބޭނެ ދުވަހަކަށް އިންތިޒާރުކުރެ އެވެ.

ލިސްޓުގެ އެންމެ ކުރިއަށް އެރުމަށް އަހަރުތަކެއް ނަގާއިރު، ޑައިލިސިސްގައި ގިނަ ދުވަސްތަކެއް ވަންދެން ތިބެން ޖެހުމަކީ ބަލިމީހުންނަށް ކުރިމަތިވާ ނަފްސާނީ އަދި ޖިސްމާނީ ބޮޑު ތުރާލެކެވެ.

ގާތްގަނޑަކަށް އެއް އަހަރު ދުވަހަށްފަހު ކިޑްނީ ނެގި ނަމަވެސް މިއީ އިންސާނެއްގެ ހަށިގަނޑުގައި އެހެން ޖަނަވާރެއްގެ ގުނަވަނެއް މިހާ ގިނަ ދުވަހު މަސައްކަތްކުރި ފުރަތަމަ ފަހަރެވެ.

މިފަދަ ކާމިޔާބީތަކުގެ ސަބަބުން މުސްތަޤުގުބަލުގައި ޒީނޯޓްރާންސްޕްލަންޓޭޝަން ނުވަތަ ޖަނަވާރުގެ ގުނަވަން އިންސާނުންނަށް ބޭނުން ކުރުމުގެ ދާއިރާއަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ އެވެ.