ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭގެ އަމިއްލަ ވެބްސައިޓުގައި އެއްވެސް އެއްޗެއް ނުހިމެނޭ ހުސް ލަކުޑި ފޮށްޓެއް ގާތްގަނޑަކަށް 1000 ޑޮލަރަށް ވިއްކަން އިއުލާން ކުރުމުން ސޯޝަލް މީޑިއާގައި ވަނީ ބޮޑު ހޫނު ބަހުސެއް ފެށިއްޖެ އެވެ.

އޭނާގެ މަޝްހޫރު އެލްބަމް "ބީޑޭ"ގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ނެރުނު މި ފޮށި ވެފައިވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ އެއްޗަކަށެވެ.

"ބޭ ކީޕާ ކޮލެކްޓާސް ބޮކްސް"ގެ ނަމުގައި ވިއްކަމުންދާ މި ލަކުޑި ފޮށްޓަކީ ހަމައެކަނި ވައިނަލް ރެކޯޑުތައް ރައްކާކޮށް ބެލެހެއްޓުމަށް ތައްޔާރު ކޮށްފައިވާ ލަކުޑި ކްރޭޓެކެވެ.

މިއީ މުޅިން ހުސް ފޮށްޓަކަށް ވާއިރު، މީގެ އެއްވެސް ރެކޯޑެއް ނުވަތަ މިއުޒިކީ އަލްބަމެއް މި އަގުގެ ތެރޭގައި ނުހިމެނޭކަން ފާހަގަކޮށްލެވެ އެވެ.

މި ލަކުޑި ފޮށީގެ އަގަކީ 948.01 ޑޮލަރެވެ. މި އަދަދަކީ ބިޔޯންސޭގެ އުފަން ދުވަސް ކަމަށްވާ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަސް (9/4/81) ރަމްޒު ކޮށްދިނުމުގެ ގޮތުން ހާއްސަކޮށް ކަނޑައަޅާފައިވާ އަދަދެކެވެ.

މި ފޮށީގެ އަގު އެހާ ބޮޑީ ދުނިޔޭގައި އެންމެ 500 ފޮށި އުފައްދާފައިވާ، ވަރަށް މަދު މީހަކަށް ނޫނީ ނުލިބޭނެ ލިމިޓެޑް އެޑިޝަން އަކަށް ވާތީ ކަމަށްވެސް ބުނެފައިވެ އެވެ.

ނަމަވެސް، މި ޚަބަރާއެކު ބިޔޯންސޭގެ ސަޕޯޓަރުންނާއި އާންމުން ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔަން ފަށާފަ އެވެ. ހުސް ލަކުޑި ފޮށްޓަކަށް މިހާ ބޮޑު އަގެއް ނެގުމަކީ އާންމުންގެ އަތުން ފައިސާ ފޭރިގަތުން ކަމަށާއި، މިއީ އެއްވެސް މާނައެއް ނެތް ކަމެއް ކަމަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.

މިކަމާ ގުޅޭގޮތުން ބިޔޯންސޭގެ ބައެއް ސަޕޯޓަރުން ބުނެފައިވަނީ މިއީ ހަމައެކަނި އަގުބޮޑު ކޮލެކްޓާސް އައިޓަމެއް ކަމަށާއި، ގަންނަން ބޭނުންނުވާ މީހުން ނުގަނެ ތިބުމުން ފުދޭނެ ކަމަށެވެ.

ކޮންމެއަކަސް، މި ހުސް ފޮށީގެ މައްސަލަ މިހާރުވަނީ އިންޓަނެޓުގައި އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަށް ވެފަ އެވެ.