ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީން ބައެއް ރަށު ކައުންސިލްތަކަށް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.
އއ. އުކުޅަހުގައި މިއަދު ފެށި "ވިއަވަތި ރާއްޖޭ" ލާމަރުކަޒީ ނިޒާމު ކޮންފަރެންސްގެ ފުރަތަމަ ސެޝަން ހާއްސަކޮށްފައިވަނީ މާލީ ގޮތުން ކައުންސިލްތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދޭނެ ގޮތްތަކަށް މަޝްވަރާކުރުމަށެވެ. ކައުންސިލްތަކަށް ދިމާވާ ގޮންޖެހުންތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ފާހަގަކޮށް، ކަރުދާހުގެ ސިފައިގައި، މި ސެޝަންގައި ސަރުކާރަށް ވަނީ ހުށައަޅާފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސަތު ބެލެހެއްޓެވި މި ސެޝަންގައި ކައުންސިލްތަކުން ވަނީ ދައުލަތުގެ ބަޖެޓުން ބްލޮކް ގްރާންޓް ކަނޑައެޅިނަމަވެސް އެއީ ކައުންސިލްތަކުގެ ޒިންމާ އަދާކުރުމަށް އެކަށީގެންވާ އަދަދަކަށް ނުވާކަން ފާހަގަކޮށްފަ އެވެ. ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި ވަނީ ދައުލަތުގެ ބަޖެޓުން ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ފަސް ޕަސެންޓް ކަނޑައަޅާފަ އެވެ. ނަމަވެސް ކައުންސިލްތަކުން ރައީސަށް ހުށައެޅުއްވީ އެ އަދަދު 8 ޕަސެންޓަށް އިތުރުކޮށް ދިނުމަށެވެ. އަދި އެ ރަށަކުން ނެގޭ ގްރީން ޓެކްސްގެ 50 ޕަސެންޓް އެ ރަށަކަށް ލިބުމުގެ މުހިންކަން ވެސް ކައުންސިލްތަކުން ފާހަގަކޮށް އެކަން ވެސް ހުށަހެޅި އެވެ.
ކައުންސިލްތަކުގެ މި ހުށައެޅުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ސޯލިހު ވަނީ ކައުންސިލްތަކުން ހުށަހެޅި ކަންކަން ހަގީގަތަކަށް ހެދުމަށް އަންނަ އަހަރުގެ ބަޖެޓުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.
ގްރީން ޓެކްސާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ، ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ ރަށްރަށް ލިބޭގޮތަށް އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވައި ދެއްވާނެ ކަމަށެވެ. އެގޮތުން ގްރީން ޓެކްސްގެ އާމްދަނީ ބޭނުންކޮށްގެން ކޮންމެ ރަށެއްގައި ކުނި މެނޭޖުކުރަން ފައިސާ ދެއްވާނެ ކަމަށާއި، އެ ރަށްރަށުގައި ވޭސްޓް ޓްރާންސްފާ ކުރުމަށް ނުވަތަ އެ ރަށެއްގެ ކުނި ރައްކާތެރިގޮތުގައި ނައްތާލާނެ ސަރަހައްދަށް ގެންދިއުމަށް ވެސް ގްރީން ޓެކުހުން ފައިސާގެ އެހީ ދެއްވާނެ ކަމަށް ޝައުނާ ވިދާޅުވި އެވެ.
ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިޒޯޓުތަކާއި ސަފާރީ އާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން ދުވާލަކަށް ހަ ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ދުވާލަކަށް ތިން ޑޮލަރެވެ.
2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ނަގާ ގްރީން ޓެކްސްއަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ނަގާ ފައިސާއެކެވެ.