ސޯއޯލް (31 މެއި) - ދެކުނު ކޮރެއާއިން އުތުރު ކޮރެއާ ރުއްސަން ކުރަމުން އައި މަސައްކަތްތައް ނިމުމަކަށް އައިސްފި ކަމަށް ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔިއޯލް ވިދާޅުވެއްޖެ އެވެ.

މީގެ ދެހަފްތާ ކުރިން ރައީސްކަމަށް އިންތިހާބުވުމަށްފަހު މީޑިއާއަށް ދެއްވި ފުރަތަމަ އިންޓަވިއުގައި ޔޫން ވިދާޅުވީ ދެގައުމުގެ މެދުގައި ސުލްހަ ގާއިމުކުރަން ދެކުނު ކޮރެއާއަށް ވަރަށް މަސައްކަތް ކުރެވިއްޖެ ކަމަށާއި ދެން އެކަމަށް އިސް ނަގަން ޖެހޭނީ އުތުރު ކޮރެއާއިން ކަމަށެވެ.

"ބޯޅަ އޮތީ (އުތުރު ކޮރެއާގެ ރައީސް) ކިމް ޖޮން އުންގްގެ އަތްޕުޅުގައި،" ސީއެންއެންއަށް ދެއްވި އެ އިންޓަވިއުގައި ޔޫން ވިދާޅުވެފައިވެ އެވެ.

މި އަހަރުގެ މިހާތަނަށް އުތުރު ކޮރެއާއިން 15 މިސައިލެއް ޓެސްޓު ކޮށްފައިވާއިރު އެގައުމުގެ ނިއުކްލިއާ ބާރުތައް ވަރުގަަދަކުރަން މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ކިމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ޔޫން އިތުރަށް ވިދާޅުވީ އުތުރު ކޮރެއާއިން އިސް ނަގައިގެން ސުލްހައިގެ މަޝްވަރާތައް ކުރަން އުޅެފިނަމަ ދެކުނު ކޮރެއާއިން ވެސް އެކަމަށް ތައްޔާރު ކަމަށެވެ.

"ވަގުތީ ހައްލެއް ހޯދައިގެން ވާކަށް ނެތް، މިކަމަށް ދާއިމީ ހައްލެއް އެބަ ބޭނުންވޭ،" ޔޫން ވިދާޅުވި އެވެ.

ދެކުނު ކޮރެއާއިން ބޭނުންވަނީ ދެގައުމު ގުޅޭ ކޮރެއަން ޕެނިންސިއުލާ ބޭނުން ކުރުމުގައި ދެ ގައުމުގެ މަސްލަހަތަށް ވެސް ބުރޫ ނާރާ ފަދަ އެއްބަސްވުމަކަށް އައުން ކަމަށް ޔޫން ވިދާޅުވެފައިވެ އެވެ.

ރިޔާސީ ދައުރު ފެށުމަށްފަހު ޔޫން ވަނީ ދެކޮރެއާގެ މަސްލަހަތުގެ އިތުރުން ދެކުނު ކޮރެއާގެ ބައިނަލްއަގުވާމީ ގުޅުންތަކާ ބެހޭ ގިނަ މަސައްކަތްޕުޅުތަކެއް ފައްޓަވާފަ އެވެ. -- ސީއެންއެން