ރާއްޖޭގައި އެވްރެޖްކޮށް ކޮންމެ އަހަރަކު 150 މީހުން ސީދާ ދުންފަތުގެ ސަބަބުން މަރުވާކަމަށް ދުނިޔޭގެ ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން އެޗްޕީއޭ އިން ނެރުނު ޚާއްސަ ރިޕޯޓުގައި ވަނީ ދުނިޔޭގައި ވެސް އަދި ރާއްޖޭގައި ވެސް އެންމެ ގިނަ މީހުން މަރުވާ އެއް ސަބަބަކީ ދުންފަތް ކަމަށެވެ.

ހިތުގެ ބައްޔާއި ކެންސަރާއި ފުއްޕާމޭގެ ބޮޑެތި ބަލިތައް ޖެހުމަށް މަގުފަހިވާ އެކައްޗަކީ ދުންފަން ކަމަށް ސިއްހީ މާހިރުން ބުނެއެވެ. ނަމަވެސް ދުންފަތް ބޭނުންކުރުން ހުއްޓާލައިފި ނަމަ ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންގެ ރޭޓް 14 ޕަސެންޓަށް ދަށްކުރެވޭނެ ކަމަށް ވެސް އެޗްޕީއޭއިން ލަފާކުރެ އެވެ.

ރާއްޖޭގައި މީހުންނަށް ޖެހޭ ބަލިތަކުގެ ތެރެއިން 84 ޕަސެންޓަކީ ހިތުގެ ބައްޔާއި ސްޓްރޯކާއި ކެންސަރާއި ހަކުރުބައްޔާއި ނަފުސާނީ ބަލިތައް ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ. މި ހުރިހާ ބަލިތަކަށް އެންމެ އާއްމު އެއް ނުރައްކަލަކީ ދުންފަތުގެ އިސްތިއުމާލު ކުރުމެވެ. އަހަރުން އަހަރަށް ބަލާއިރު އާސަންދައިން އެންމެ ބޮޑު ހޭދައެއް ކޮންމެ އަހަރަކުވެސް ކުރަނީ މިފަދަ ބަލިތަށް ތަހައްމަލު ކުރާ މީހުންގެ ބޭސްފަރުވާއަށް ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.