މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދިއުމަށް އާންމުކޮށް ހުޅުވާލައިގެން ދޫކުރަން ނިންމި 100 ކޯޓާގައި ދެވޭނީ 76،960 ރުފިޔާ އަށް ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.

ރާއްޖެ އިން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް މީހުން ގެންދިއުމުގެ ފުރުސަތު ހައްޖު ކޯޕަރޭޝަނަށް އެކަނި މި އަހަރު ދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ.

މި އަހަރު ރާއްޖެއަށް 453 ކޯޓާ ލިބުނެވެ. އޭގެ ތެރެއިން އާންމުކޮށް ހުޅުވައިލީ 100 ކޯޓާ އެވެ. ބާކީ ކޯޓާތައް ހާއްސަ ކޮށްފަައި ވަނީ ހައްޖަށް ދިއުމަށް ފައިސާ ދައްކައި، ހައްޖު ކޯޕަރޭޝަންގައި ކިއުގައި ޖެހިފައިވާ މީހުންނަށެވެ.

ހައްޖު ކޯޕަރޭޝަންގެ ކިއުގައި ޖެހިފައިވާ މީހުންނަށް އެހެން އަހަރުތަކެކޭ އެއްގޮތަށް 69،965 ރުފިޔާއަށް ހައްޖަށް ދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ނަމަވެސް ބާކީ 100 ކޯޓާގައި ހައްޖަށް ގެންދާ މީހުންގެ ދަތުރުގެ އަގަކީ 76،960 ރުފިޔާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެހާ ބޮޑު އަގެއް ނަގަން ނިންމި ސަބަބެއް އެ ކުންފުނިން ހާމައެއް ނުކުރެއެވެ.

އެ ކޯޕަރޭޝަނުން ބުނީ 100 ކޯޓާގައި ހައްޖަށް ދާނެ މީހުން ކަނޑައަޅާނީ އެ ކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ މެދުގައި ގުރުއަތު ނަގައިގެން ކަމަށެވެ.