މި މަހުގެ ފުރަތަމަ ދުވަހު އައްޑޫ ސިޓީ ފޭދޫގައި ތޫނުއެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލި މައްސަލާގައި އިތުރު ކުއްޖަކު ހައްޔަރުކޮށްފި އެވެ.

ގްރޫޕަކުން ދިން ހަމަލާއެއްގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މަރުވީ ސ. ފޭދޫ، ސޮލިޑް، އުމުރުން 21 އަހަރުގެ މުހައްމަދު ޒަޔާން މޫސާއެވެ. އޭނާގެ އަތުގެ މުލައްދަނޑިއަށާއި ބުރަކަށްޓަށް ތޫނުއެއްޗަކުން ހަމަލާދީފައިވެ އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 15 އަހަރުގެ ކުއްޖަކު ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން 16 އަހަރުގެ ކުއްޖަކު ރޭ ވަނީ ހައްޔަރުކޮށްފަ އެވެ. އެ ކުއްޖާގެ ބަންދަށް 10 ދުވަސް ކޯޓުން މިއަދު ކޯޓުން ވަނީ ދީފައެވެ.

މީގެއިތުރުން ރަށުތެރޭގެ އަމާންކަން ނަގާލަން އުޅުމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި 18 އަހަރުގެ ދެ މީހުންނާއި 29 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް ކޯޓުން ވަނީ ދީފަ އެވެ.

އައްޑޫގައި ސިލްސިލާ މާރާމާރީތައް ހިންގާތީ އެ ސިޓީގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. އެކަމާ ގުޅިގެން ސިޓީ ކައުންސިލުން ވަނީ އެ ސިޓީގައި އަމާންކަން ގާއިމްކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިފަ އެވެ.