ސަރުކާރުން ފަށާ ފެރީގެ ޚިދުމަތް ހދ. އަތޮޅުގައި މާދަމާ ފަށަން ނިންމައިފި އެވެ.

މިއީ ރާއްޖޭގެ ރަށްތައް ގުޅުވާލަދޭ ދަތުރުފަތުރުގެ ނިޒާމެވެ. "ރާއްޖެ ޓްރާންސްޕޯޓް ލިންކު"ގެ ފެރީގެ ޚިދުމަތް މާދަމާ ހެނދުނު ހދ. އަތޮޅުގައި ފަށާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ޚިދުމަތް ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފަ އެވެ. މި މަޝްރޫއުގެ ދަށުން މި އަހަރު ޚިދުމަތް ދޭނީ ހއ. އަތޮޅުން ފެށިގެން ށ. އަތޮޅާ ދެމެދު އެވެ.

ހދ. އަތޮޅަށް ރަސްމީކޮށް ޚިދުމަތް ދޭން ފެށުމުގެ ކުރިން މި ޚިދުމަތް ޓެސްޓުކުރުމުގެ ގޮތުން ހިލޭ ދަތުރުތަކެއް ވަނީ ކޮށްފަ އެވެ.

އެ ޚިދުމަތާ މެދު ރައްޔިތުން ތިބީ ވަރަށް ހިތްހަމަޖެހިފައި ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

އެ ޚިދުމަތުގައި ބޭނުން ކުރާނީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމާއި ފަސޭހައަށް ވިސްނައިގެން ފަރުމާކޮށްފައިވާ ޚާއްސަ ފެރީތަކެއް ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

ފަންސާސް މީހުންގެ ޖާގައިގެ މި ފެރީގައި ދެ ސީޓު ޚާއްސަކުރެވިފައި ވަނީ ވީލް ޗެއާއަށެވެ. އަދި މި ޚިދުމަތަކީ ރާއްޖޭގެ ރަށްތަކުގެ އިޖްތިމާއީ ދުޅަހެޔޮކަން އިތުރުވެ އިގްތިސޯދީ ގޮތުން ރާއްޖެއަށް އިންގިލާބީ ބަދަލެއް ގެނުވާނެ ޚިދުމަތެއް ކަމަށް ސަރުކާރުން ބުންޏެވެ.

ޒޯން އެކެއްގެ ހުރިހާ ރަށަކަށް އާރުޓީއެލް ފެރީގެ ޚިދުމަތް ޖުލައި 26 ވަނަ ދުވަހުގެ ކުރިން ދޭން ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ.

އެ ޚިދުމަތަށް ޚާއްސަ މޮބައިލް އެޕްލިކޭޝަނެއް ވެސް ވަނީ ނެރެފަ އެވެ. އެ އެޕުން ޓިކެޓް ވެސް ނެގޭނެ އެވެ.

ސަރުކާރުން ބުނީ އެ ޚިދުމަތުގެ މަގުސަދަކީ ރައްޔިތުންނަށް ރައްކާތެރިކަމާއި ފަސޭހަކަމާއި އިތުބާރާއެކު އެއްރަށުން އަނެއް ރަށަށް އަތްފޯރާ އަގެއްގައި ދަތުރުކޮށް އުޅެވޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށެވެ.