މިދިޔަ ކުޑަ އީދު ދުވަހު ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި ހިންގި މާރާމާރީއާ ގުޅިގެން ހޯދަން އިއުލާނުކޮށްފައިވާ ހަތަރު މީހުންގެ ތެރެއިން ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހޯދަމުންދިޔަ ހަތަރު މީހުންގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ދަފްތަރު ނަންބަރު ރސ. 2260، މައުސޫމް މުހއްމަދު ދީދީ 27 އާއި ސ. މަރަދޫ، ކޮރަލް އަހްމަދު ސާތިއު 21 އެވެ.

މި ދެމީހުންގެ ތެރެއިން އަހްމަދު ސާތިއު ހައްޔަރުކޮށްފައިވަނީ މިމަހުގެ ދިހަ ވަނަ ދުވަހު އެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. މައުސޫމް މުހައްމަދު ދީދީ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި މާލެއިންނެވެ. އަދި އޭނާގެ ބަންދަށް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މިމައްސަލައާ ގުޅިގެން މިހާރު ހޯދަމުންދަނީ:

ގއ. މާމެންދޫ، ގްލޭނޫރަންމާގެ، އަހުމަދު ރަބީއު 24

ސ. ހުޅުދޫ، ނާދީ، މުނާދު ޖައުފަރު 20

މި ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

އީދު ދުވަހުގެ މާރާމާރީގައި ހޯދަމުން ދިޔަ ހަތަރު މީހުން

ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި މިދިޔަ މަހުގެ ދެ ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ހިންގި މާރާމާރީއާ ގުޅިގެން ދަފްތަރު ނަންބަރު ރސ. 2260، މައުސޫމް މުހައްމަދު ދީދީ 27 އާއި ސ. މަރަދޫ، ކޮރަލް އަހުމަދު ސާތިއު 21 ގެ އިތުރުން ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ތ. ތިމަރަފުށި، ސީނުގެ، އަހުމަދު ޝިމްހާޒު 22 އާއި ކ. މާލެ، މ. ލޮނުމިދިލިގެ، ލޫތު އަހުމަދު އާސިފް 18 އާއި ގދ. ވާދޫ، އުނިމާގެ، ހަސަން ޒިޔާން އިބްރާހިމް 18 ގއ. ގެމަނަފުށި، ކެނެރީގެ، އަހުމަދު ނާޒިހު 27 ގެ އިތުރުން 15 އަހަރުގެ ކުޑަ ކުއްޖެކެވެ.

މިމީހުންގެ ތެރެއިން ކުޑަކުއްޖާ ފިޔަވައި ދެން ތިބި ހަތަރު މީހުންވެސް ތަހުގީގު އަދި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި ކުޑަކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ. މިއީ ކުޑަކުއްޖާގެ ބަންދުގެ މުއްދަތު އިތުރުކުރި ފަސް ވަނަ ފަހަރެވެ.