އަންނަ އަހަރުގެ ނިޔަލަށް އިތުރު 22 ޓޫރިސްޓް ރިސޯޓު ރާއްޖޭގައި އަލަށް ހުޅުވޭނެކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ޔޫއެންޑަބްލިއުޓީއޯއާ ގުޅިގެން ކްރޮސްރޯޑްސްގައި މިއަދު ބޭއްވި ޔޫއެންޑަބްލިއުޓީއޯ ގްލޯބަލް ސަމިޓު އޮން ކޮމިއުނިޓީ ބޭސްޑު ޓޫރިޒަމް ސަމިޓު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ފަތުރުވެރިކަމުގެ 426 ފެސިލިޓީއެއް ހުޅުވައި ބެޑް ކެޕޭސިޓީއަށް ގާތްގަނޑަކަށް 14،000 އެނދު އިތުރުކޮށްފައިވާ ކަމަށެވެ.

ފައިސަލް ވިދާޅުވީ މިހާރު ވެސް 107 ރިސޯޓެއްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެއީ އޭގެސަބަބުން 5000 އެނދު އިތުރުވާނެ ކަމަށެވެ. އަދި އަންނަ އަހަރު ނިމުމުގެ ކުރިން ފަތުރުވެރިކަމުގެ ހިދުމަތްދޭ އިތުރު 22 ތަނެއް ހުޅުވޭނެ ކަމަށް ލަފަކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނިމިދިޔަ ތިން އަހަރާއި ބައިގެ ތެރޭ 33 ރިސޯޓާއި ދެ ހޮޓެލްގެ އިތުރުން 343 ގެސްޓުހައުސް އަކާއި 2 ހޯމް ސްޓޭ ފެސިލިޓީ ހުޅުވާފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"އަދި ސަފާރީއެއް އަލަށް އޮޕަރޭޝަނަށް ގެނެސްފައިވޭ. މިއާއެކު ބެޑް ކެޕޭސިޓީއަށްވަނީ 14000 އިތުރުވެފައި،" ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ 45 ގެސްޓުހައުސްއެއް ތަރައްގީކުރުމުގެ މަސައްކަތްކުރިއަށްދާ ކަމަށާއި އެކަމުގެ ސަބަބުން ފަތުރުވެރިކަމަށް 820 އެނދު އިތުރުވާނެ ކަމަށެވެ.

މި ސަމިޓަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ސަމިޓެކެވެ.