އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އަޅަން އެތަނުގައި މިހާރު ހުރި ޖަމާލުއްދީން ސްކޫލްގެ ބާ އިމާރާތް ތަޅާލަން މިއަދު ފަށައިފި އެވެ.
އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ކުރަނީ ވެލް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑްއާ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 75 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 2.5 މިލިއަން ރުފިޔާ އަށެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް މިއަދު ފެށުނީ ކަމަށެވެ.
މީގެ އަށް އަހަރު ކުރިން ބޭނުންކުރަން ފެށި އަރަބިއްޔާގެ އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލައި ގެއްލުން ވެފައި ހުރުމުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެ ސްކޫލްގެ ދަރިވަރުންނަށް ވަގުތީ ގޮތުން ކިޔަވައިދެމުން އަންނަނީ ކުރިން ފޮރިން ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާގޮތުގައި، އަރަބިއްޔާގެ އާ އިމާރާތުގެ މަސައްކަތް އަންނަ މަހު ކުރީކޮޅު ނިމޭނެ އެވެ.
އަރަބިއްޔާގެ އާ އިމާރާތް ބާ ޖަމާލުއްދީންގެ އިމާރާތުގައި އަޅަން ނިންމީ ކުރިން އަރަބިއްޔާ ހިންގަމުން އައި އިމާރާތުގެ ތަނބުގައި ރެނދުލައި އެތަނުގައި ކިޔަވައިދިނުން ރައްކާތެރި ނޫން ކަމަށް ކަނޑައެޅުމުންނެވެ.
ބާޖަމާލުއްދީންގެ ނަމުން މަޝްހޫރުވި އިމާރާތުގައި އެންމެ ފުރަތަމަ ހިންގީ ޖަމާލުއްދީން ސްކޫލެވެ. އެ ތަން ވަރަށް ބޮޑަށް ބާވެ، ހަލާކުވުމުން އެ ސްކޫލްގެ ދަރިވަރުންނަށް އެ އިމާރާތާ ޖެހިގެން އާ ސްކޫލެއް ހަދައިދީ ދަރިވަރުން ބަދަލުކުރި އެވެ.