ދަރިން ބަލައި ތަރުބިއްޔަތު ކުރުމުގައި ހަރުކަށިވުމަކީ މުސްކުޅި ސްޓައިލެއް ކަމުގައި ބޮލީވުޑްގެ މަޝްހޫރު ތަރި އަޖޭ ދޭވްގަން ބުނެފި އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ހިންދުސްތާން ޓައިމްސް" އަށް ދިން އިންޓަވިއުއެއްގައި އަޖޭ ވަނީ އޭނާގެ އަންހެން ދަރިފުޅު ނައިސާ ދޭވްގަން އަށް ސޯޝަލްމީޑިއާގައި އަމާޒުވާ އެކި ކަހަލަ ފާޑުކިޔުންތަކާ ގުޅިގެން ވާހަކަ ދައްކާފަ އެވެ.

ނައިސާއަށް ގިނަ ބައެއްގެ ލޯތްބާއި ސަޕޯޓު ލިބުނު ނަމަވެސް އޭނާ ހުންނަ ގޮތާއި، އޭނާގެ އަމަލުތަކާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުން ފާޑުކިޔާފައި ހުރެ އެވެ. ނަމަވެސް އެކަމާ ގުޅިގެން އަޖޭއާ ސުވާލުކުރުމުން އަޖޭ ވަނީ ވަކި މީހެއްގެ ދަރިއަކަށް ވުމުން ފާޑުކިޔުން އަމާޒުނުވެ ނުދާނެކަން ފާހަގަކޮށްފަ އެވެ.

"ކޮންމެ މީހަކު ކިތަންމެ ރަނގަޅަށް އުޅުނަސް ފާޑުކިޔާ ބަޔަކު ފާޑުކިޔާނެ! ވަކި އަހަރެންގެ ދަރިފުޅު ވީމަ މީހުން ފާޑުނުކިޔަ ނުހުންނާނެ ދޯ!"

އަޖޭ ބުނިގޮތުގައި އޭނާ އަބަދުވެސް، އެހެން މީހުންނަށް އިހުތިރާމު ކުރުމަށް އޭނާގެ ދަރިންނަށް ނަސޭހަތްތެރިވެ އެވެ. އަދި އެއްވެސް ކަމެއްގައި ފަހުރު ވެރިކަމާއި ކިބުރުވެރިކަން ނުބެހެއްޓުމަށް ނަސޭހަތްތެރިވާކަމަށް އޭނާ ބުނެފައިވެ އެވެ.

އަޖޭ ދެކޭގޮތުގައި ދަރިން އެންމެ ރަނގަޅަށް ބަސް އަހައި، އެކުދިންނާއި ގުޅުން ބަދަހި ކުރެވޭނީ މައިން ބަފައިންވެސް އެމީހުންނާއި އެކީ އެކުވެރި ގުޅުމެއް ބެހެއްޓައިގެންނެވެ. އަދި އަނިޔާކޮށް، ހަޅޭއްލަވައި ހަރުކަށިކޮށް ދަރިން ބަލައި ތަރުބިއްޔަރު ކުރުމަކީ އޭގެ ނޭދެވޭ އަސަރު ދަރިންނަށާއި، މައިންބަފައިންނަށް ކުރާ ކަމެއް ކަމަށާއި، މުސްކުޅި ސްޓައިލެއް ކަމަށް އޭނާ ބުނެފައިވެ އެވެ.