ބޮލީވުޑްގައި މަޝްހޫރުކަން ހޯދާފައިވާ ތަރި ސާރާ އަލީ ޚާން، ހުސް ދަބަހެއް އަޅައިގެން ދިއުމުން އާންމުން ފާޑުކިޔައިފި އެވެ.

ސާރާ އަކީ އޭނާގެ ތަފާތު ސްޓައިލާ ގުޅިގެން ގިނަ ބައެއްގެ ތައުރީފު ލިބިފައިވާ ފަންނާނެކެވެ. އެހެންނަމަވެސް ދާދި ފަހުން ކަސްރަތު ކުރުމަށް ޖިމަށް ދިޔަ ވަގުތު ގިނަ ބަޔަކަށް ވަނީ ސާރާ އަޅުވައިގެން ހުރި ހުސް ދަބަސް ފެނިފަ އެވެ.

އާންމުން އެކަން ސިފަކޮށްފައިވަނީ، އެއީ ސާރާ ދެއްކުން ތެރިކަން ހާމަކުރުމަށް ކުރި ކަމެއްގެ ގޮތުގަ އެވެ. އަދި އެކަމާ ގުޅިގެން ސާރާގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކޮށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފަ އެވެ.

ސާރާ އަލީ ޚާން. ފޮޓޯ: ޓައިމްސް އޮފް އިންޑިއާ

ކްރީމް ކުލައިގެ ބޭގެއް އަޅައިގެން ހުރި އިރު، އެ ބޭގުގެ ބޭރުގައި ސާރާގެ ނަން ލިޔެފައިވެ އެވެ. އޭރު އޭނާ ލައިގެން ހުރީ ދަނބު ކުލައިގެ މަތިކޮޅަކާއި، އޮރެންޖު ކުލައިގެ ކުރު ސޯޓެކެވެ.

ބޮލީވުޑްގައި ސާރާ ކޮށްފައިވާ މަސައްކަތަށް ބަލާއިރު، އޭނާ އެންމެ ފުރަތަމަ ބޮލީވުޑްއަށް ތައާރަފްވީ ސުޝާންތް ސިން އާއި އެކުގައި ކުޅުނު "ކެދާނަތު" މި ފިލްމުންނެވެ. އޭގެ އިތުރުން ވެސް "ސިމްބާ" އާއި "އަތްރަންގީ ރޭ" ފަދަ ފިލްމުތަކުން އޭނާ ދައްކާފައިވާ އެކްޓިންގެ ހުނަރުން ވަނީ ގިނަ ބައެއްގެ ލޯބި ހޯދާފަ އެވެ.