އަންނަ މަހު ރިލީޒްކުރުމަށް ތާވަލުކޮށްފައިވާ ޕީރިއަޑް އެކްޝަން ފިލްމު "ޝަމްޝޭރާ" އިން އޭނާ ފެނިގެންދާނީ އޭނާގެ ބައްޕަ ބޭނުންވާ ކަހަލަ ރޯލަކުން ކަމަށް ރަންބީރު ކަޕޫރު ބުނެފި އެވެ.

"ޝަމްޝޭރާ" އިން ރަންބީރު ފެނިގެންދާނީ އޭނާގެ ފިލްމީ ކެރިއަރުގައި މިހާތަނަށް ފެނިގެން ނުދާ ކަހަލަ ވަރު ގަދަ ރޯލަކުންނެވެ.

ބޮލީވުޑްގެ ބްލޮކްބަސްޓާ ފިލްމު "ސަންޖޫ" ގެނެސްދިންތާ ހަތަރު އަހަރު ފަހު ރަންބީރު ބޮޑު ސްކްރީނުން ފެންނަ "ޝެމްޝޭރާ"އާ ބެހޭ ގޮތުން އޭނާ ބުނީ މިފިލްމަކީ އޭނާ އަބަދުވެސް ކުޅެލަން ވަރަށް ބޭނުންވާ ޒާތުގެ ފިލްމެއް ކަމަށެވެ. އަދި މިއީ އޭނާ ބައްޕަ (ރިޝީ ކަޕޫރު) ބޭނުންވާ ކަހަލަ ބަތަލެއްގެ ރޯލުން އޭނާ ފެންނަ ފިލްމު ކަމަށްވެސް ރަންބީރު ވަނީ ބުނެފަ އެވެ.

"އަހަރެން ވަރަށް ހިތަށްއަރާ މި ފިލްމު ބަލަން ބައްޕަ ދުނިޔޭގައި ހުރިނަމައޭ. މިއީ ބައްޕަ ފަހުރުވެރިވާ ފަދަ ރޯލެއް ފެނިގެންދާ ފިލްމެއް" ރަންބީރު ބުންޏެވެ.

"ޝަމްޝޭރާ"ގެ ޓީޒާ އާންމުކޮށްފައިވާއިރު މިފިލްމުން ފެނިގެންދަނީ 1800ގެ އަހަރުތަކުގައި އިނގިރޭސީންގެ ފަރާތުން މިނިވަންކަން ހޯދުމަށް އިންޑިއާގެ ބަޔަކު ކުރި ހަނގުރާމަ އެކެވެ. އެ ހަނގުރާމައަކީ އަޅެއްގެ ގޮތުގައި ބަޔަކު ގެންގުޅުނު މީހަކު ލީޑަރަކަށްވެ، އެމީހުންނާ ދެކޮޅަށް ހަނގުރާމަ އަށް ނިކުމެ ހޯދާ ކާމިޔާބީއާ ގުޅޭ ފިލްމެކެވެ.

މިއީ ހަނގުރާމަމަތީ ފިލްމަކުން ރަންބީރު ފެންނާނެ ފުރަތަމަ ފަހަރެވެ. ޓީޒާގައި ފެންނަ ގޮތުގައި، ރަންބީރުގެ އިސްތަށިގަނޑާއި ތުނބުޅި ވެސް ހުންނަނީ ވަރަށް ބޮޑަށް ދިގުކޮށްލައިފަ އެވެ.

އެ ފިލްމުގައި ރަންބީރުގެ އިތުރުން ސަންޖޭ ދަތާއި ވާނީ ކަޕޫރް މުހިންމު ރޯލުތަކުން ފެންނާނެ އެވެ.

ޔާޝް ރާޖް ފިލްމްސް، ވައިއާރްއެފްގެ "ޝަމްޝޭރާ"،ޢަކީ "އަގްނީޕަތު" ގެ ރީމޭކިންގްވެސް އުފެއްދި ކަރަން މަލޯތްރާ ޑައިރެކްޓް ކުރާ ފިލްމެކެވެ.

ހިންދީ އާއި ތަމަޅަ އަދި ތެލުގޫ ބަހުން ނެރޭ ގޮތަށް ހަމަޖެހިފައިވާ އެ ފިލްމު ރިލީޒްކުރާނީ އަންނަ މަހުގެ 22 ގަ އެވެ.

https://www.instagram.com/p/CfGWiqvpJRl/?hl=en

ރަންބީރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ލޯބިވެރިޔާ ޢާލިއާ ބަޓް އާއިއެކު ފެންނަ "ބްރަމްސްތްރާ" ހިމެނެ އެވެ. މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ އަޔާން މުކަރްޖީއެވެ. އާލިއާ އާއި ރަންބީރްގެ އިތުރުން ވާނީ ކަޕޫރު އަދި އަމީތާބް ބައްޗަންވެސް މި ފިލްމުން ފެންނާނެއެވެ.

މީގެ އިތުރުން ރެޑީ ވަންގާރް ޑައިރެކްޓްކުރާ ފިލްމު "އެނިމަލް" އަކީވެސް ރަންބީރުގެ ކުރިއަށް އޮތް ފިލްމެކެވެ. އަންނަ އަހަރުގެ ދަސޭރާއާއި ދިމާކޮށް ރިލީޒުކުރަން ތާވަލުކޮށްފައިވާ މި ފިލްމުގައި ރަންބީރާއި ޕަރިނީތީ ޗޯޕްރާ އަދި އަނިލް ކަޕޫރުވެސް ލީޑްރޯލުން ފެންނާނެ އެވެ.