ގެއްލިގެން ހޯދަމުންދިޔަ އޮސްޓްރޭލިއާ ފަތުރުވެރިއެއްގެ ހަށިގަނޑު މޫދުގައި އޮއްވައި ފެނިއްޖެ އެވެ.

އޭނާ ހޯދަމުންދިޔައީ ކްރޮސްރޯޑްސް ސައި ލެގޫންގެ ވޯޓަވިލާއަކުން ގެއްލިގެން ރިިޕޯޓް ކުރުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ، އޮސްޓްރޭލިއާ ފަތުރުވެރިޔާ ގެއްލިގެން ހޯދަމުންދާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީ) އަށް ލިބުނީ މިއަދު ހެނދުނު 6:54 ހާއިރު ކަމަށެވެ.

ހާދިސާ ރިޕޯޓު ކުރުމާ އެކު އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ޑައިވަރުން 8:02 އެސަރަހައްދަށް ގޮސް ފަތުރުވެރިޔާ ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

އެގޮތުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާ ފެނިފައިވަނީ މިއަދު ހެނދުނު 9:36 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ. އޭނާ ފެނުނީ ކްރޮސްރޯޑްގެ އިރުން 1.33 ނޯޓިކަލް މޭލް ބޭރުން ފަޅުތެރޭގައި ފެންމަތީގައި އޮއްވައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ، ފަތުރުވެރިޔާގެ ހަށިގަނޑު މިހާރު ކްރޮސްރޯޑާ ހަވާލުކޮށްފައިވާ ކަމަށެވެ.