ގައުމީ ސަމާތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ އިންޑިޔާ އިން ކުރާހާ ކަމެއް ގަބޫލުނުކުރެވޭނެ ކަމަށް ޗައިނާ އިން ބުނެފި އެވެ. ޗައިނާ އިން މި މޭރުމުން ވާހަކަދައްކާފައި ވަނީ، ޗައިނާގެ 43 އަށް ވުރެ ގިނަ މޮބައިލް އެޕްލިކޭޝަން އިންޑިޔާގައި މަނާކުރުމުންނެވެ.

އިންޑިޔާގައި މަނާކޮށްފައި ވާ ޗައިނާގެ މަޝްހޫރު މޮބައިލް އެޕްލިކޭޝަންތަކުގެ ތެރޭގައި، "އަލިޕޭ ކޭޝިއާ"، "އަލިއެކްޕްރެސް"، "ޔޫސީ ބްރައުޒާ"، "ވީޗެޓް" އަދި ޓިކްޓޮކް ހިމެނެ އެވެ. މިއިން ކޮންމެ އެޕްލިކޭޝަނެއް މަނާކުރުމަށް ދައްކާ ހުއްޖަތަކީ "ގައުމީ ސަލާމަތަށް ނުރައްކާވުން" އެވެ.

އިންޑިޔާގެ މި އަމަލާ ގުޅިގެން ޗައިނާއިން ބުނީ، ވިޔަފާރި ކުރިއަރުވައި، ގުޅުން ހަރުދަނާކުރުމަކީ ދެ ގައުމަށް ވެސް އެންމެ ފައިދާ ބޮޑު ގޮތް ކަމަށެވެ. އަދި ގުޅުން ހާނުކުރުމަށް ޗައިނާ އިން ވަނީ ގޮވާލާފަ އެވެ.

ޗައިނާ އިން ބުނީ އިންޑިޔާގެ މި އަމަލަކީ ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަންގެ ގަވައިދާ ފުށުއަރާ ކަމެއް ކަމަށެވެ. އަދި ޗައިނާ އަށް ދަތިކޮށް އެކަހެރިކުރަން ކުރާ މަސައްކަތްތައް ހުއްޓާލައި، އެކުގައި ކުރެވެން ހުރި މަސައްކަތްތަކާ މެދު ވިސްނަން އެދޭ ކަމަށް ވަނީ ބުނެފަ އެވެ.

އިންޑިޔާ އިން ޗައިނާގެ މޮބައިލް އެޕްލިކޭޝަންތައް މަނާކުރިއިރު، ދެ ގައުމުގެ ގުޅުން އޮތީ ޚަރާބުވެފަ އެވެ. އެއީ ސަރަހައްދީ އިމުގައި – ލަޅަކްގައި ގެ ގައުމުގެ ސިފައިންގެ މެދުގައި ހިނގައި ދިޔަ ކުރިމަތިލުންތަކާ ގުޅިގެންނެވެ.

ޗައިނާގެ ރައީސް، ޝީ ވިދާޅުވީ މަސްލަހަތު ގެއްލޭ ކަމަކަށް ހިތްވަރު ނުދެއްވާނެ ކަމަށާއި، ލަފާކޮށްފައި ނެތް ކަންތައްތަކުން ވެސް މަސްލަހަތު ނަގާލާ ކަމަށެވެ. ސިފައިންނަށް މުޚާތަބުކުރައްވައި ޝީ ވިދާޅުވީ، ތަމްރީންތައް – އަސްލު ހަނގުރާމައެއް ފަދައިން ކުރި އަށް ގެންދިއުމަށެވެ.