ކޮވިޑް-19 ފެތުރުމުގެ ސަބަބުން ރާއްްޖެ އަށް ކުރިމަތިވެދާނެ ނުރައްްކާތެރި ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން، ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއަށް ދިން ފައިސާ ހޯދަން އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައިދިނުމަށް ހެލްތު މިނިސްޓްރީން އެޓާނީ ޖެނެރަލްގެ އޮފީހުގައި އެދިއްޖެ އެވެ.

އެޓާނީ ޖެނެރަލް އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހުސައިން ހަސަން ވިދާޅުވީ ހެލްތު މިނިސްޓްރީން އެދިފައިވާގޮތަށް އެ މައްސަލަ އާބިޓްރޭޝަނަށް ފޮނުވުމަށް ކުރަންޖެހޭ ކަންކަން މިހާރު އެ އޮފީހުން ކުރަމުންދާކަމަށެވެ.

ސަރުކާރުން ވަނީ ވެންޓިލޭޓަރު ގަތުމަށް އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 30.91 މިލިއަން ރުފިޔާ ދީފަ އެވެ. އެކަމަކު އެ އެއްބަސްވުމާ އެއްގޮތަށް ވެންޓިލޭޓަރު ފޯރުކޮށްދީފައި ނުވެ އެވެ. އެކަމާ ގުޅިގެން މިއަހަރުގެ މެއި މަހު ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލުކުރަން ނޯޓިސް ފޮނުވާފަ އެވެ.

ސަރުކާރުން އެ ކުންފުންޏާ ގަންނަން ހަވާލުކުރި 75 ވެންޓިލޭޓަރުތަކުގެ ތެރެއިން ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. އެއިން އެއްވެސް ވެންޓިލޭޓަރެއް ބޭނުމެއް ނުކުރެވުނެވެ.