މިއަހަރު ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްދާ ހައްޖުވެރިންގެ ދެވަނަ ގްރޫޕް ރޭ ފުރައިފި އެވެ.
ހައްޖުވެރިންގެ ދެވަނަ ގުރޫޕުގެ ގޮތުގައި ފުރާފައި ވަނީ 175 ހައްޖާޖީންނެވެ. މިގްރޫޕް ފުރާފައި ވަނީ ސައުދީ އެއާލައިނުން ރޭ 11:30 ގަ އެވެ. މި ގްރޫޕަށް ޖިއްދާއަށް ދެވުނީ ރޭ ފަތިހު 4:15 ހާއިރު ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މިއަހަރު ރާއްޖެއިން ހައްޖަށް ދިޔުމަށް 453 ކޯޓާ ސައުދީ ސަރުކާރުންވަނީ ދީފަ އެވެ. މީގެ ތެރެއިން 100 ޖާގައަށް މީހުން ނަގާފައި ވަނީ ޢާއްމުކޮށް ހުޅުވާލައިގެން ގުރުއަތު ނަގައިގެންނެވެ. ބާކީ ހުރި ޖާގަތަކަށް މީހުން ނަގާފައިވަނީ ހައްޖު ކޯޕަރޭޝަނުގައި ރަޖިސްޓްރީވެފައިވާ ކިޔު ތަރުތީބުންނެވެ.
މި އަހަރު ރާއްޖެއިން ހައްޖަށްދާ ފުރަތަމަ ގްރޫޕް ފުރީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ ދުވަހު ފުރީ 156 ހައްޖާޖީންނެވެ. އަދި ތިންވަނަ ގްރޫޕް އަދި އެންމެ ފަހުގެ ގްރޫޕް ފުރުމަށް ހަމަޖެހިފައި ވަނީ ޖުލައި ދެ ވަނަ ދުވަހު އެވެ.
ހައްޖުވެރިންގެ ކަންކަން އިންތިޒާމުކުރުމަށް މިއަހަރު އިސްލާމިކް މިނިސްޓްރީގައި ވަނީ ހާއްސަ އޮޕަރޭޝަން ސެންޓަރެއް ގާއިމުކޮށްފަ އެވެ. ކަމާބެހޭ މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދާ މި އޮޕަރޭޝަންގައި، ހައްޖާޖީންނަށް ފަސޭހަކުރުމަށްޓަކައި ހައްޖާޖީންގެ ގޭ ހިމެނޭ ސަރަޙައްދުން އެއާޕޯޓަށް ގެންދިޔުމުގެ އިންތިޒާމުތައް އެމްޓީސީސީގެ ބަހުގައި ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން މާލޭގެ 24 ޕޮއިންޓަކުން ހައްޖުވެރިން އެއާޕޯޓަށް ގެންދިއުމަށް ހަމަޖައްސާފައިވެ އެވެ.
ހައްޖުވެރިންނާއިއެކު ބަސްތައް ދަތުރުކުރަމުންދާއިރު މި ބަސްތަކަށް ދަތިނުވާނެ ގޮތަށް ފުލުހުން ޓްރެފިކް ބަލަހައްޓަ އެވެ. އަދި ޙައްޖުވެރިންގެ ކަންތައްތަކުގައި މާލެއާއި ހުޅުމާލެ، އަދި އެއާޕޯޓް ތެރެއިން ވެސް ކަމާގުޅޭ މުއައްސަސާތަކުން އެހީތެރިކަންވަނީ ފޯރުކޮށްދީފަ އެވެ.
ސައުދީ ސަރުކަރުންވަނީ މިއަހަރު ޙައްޖަށް އެއް މިލިއަން މީހުންނަށް ފުރުސަތު ދިނުމަށްޓަކާ ގައުމުތަކުގެ އާބާދީގެ ނިސްބަތުން ކޯޓާ ދޫކޮށްފަ އެވެ. ރައްކާތެރިގޮތުގައި ޙައްޖުގެ އަޅުކަން ފުރިހަމަކުރުމުގެ މަގުފަހިކުރުމަށްޓަކާ ސައުދީ ސަރުކާރުންވަނީ ގިނަ ފިޔަވަޅުތަކެއް މިއަހަރު އަޅާފަ އެވެ. މިއަހަރުގެ ހައްޖު ދުވަހަކީ ޖުލައި މަހުގެ 8 ވަނަ ދުވަހުގެ ގޮތުގައި ސައުދީ ސަރުކާރުން ރޭ ވަނީ ޢިއުލާންކޮށްފަ އެވެ.