ބޮސްޓަން ޑައިނަމިކްސް އެއް ބިލިއަން ޑޮލަރަށް ވިއްކާލަން ސޮފްޓް ބޭންކުން ބޭނުންވެ އެވެ. މި އަމާޒަށް ވާސިލުވުމަށް ސޮފްޓް ބޭންކުން އިޚްތިޔާރުކޮށްފައި ވަނީ، ސައުތު ކޮރެއާގެ ހިއުންޑޭ އެވެ. ހިއުންޑޭ އާ ބެހޭ ގޮތުން އިތުރު ތައާރުފަކަށް ބޭނުމެއް ނުވާނެ އެވެ. އެކަމަކު އެއީ ކާރު އުފައްދާ ކުންފުންޏެކެވެ.

ބްލޫމްބާގުން ރިޕޯޓްކޮށްފައި ވާ މި ވާހަކަ ހަގީގަތަކަށް ވެއްޖެ ނަމަ، މަޝްހޫރު ރޮބޮޓް ކުއްތާ – ސްޕޮޓް އަށް އާ ބެލެނިވެރިއަކު ލިބުނީ އެވެ. ބެލެނިވެރިކަން ބަދަލުވުމާ ގުޅިގެން އަދި މި ވަރަކުން ވެސް ހަމައެއް ނުޖެހޭނެ އެވެ. ހިއުންޑޭގެ ޒަމާނީ ކާރުތައް – ކާރު ކުއްތާތަކަށް ބަދަލުވެގެން ދާނެ އެވެ.

ހިއުންޑޭ އިން ވަނީ އެ ކުންފުނިން އުފައްދާ މަޝްހޫރު "އެސްޔޫވީ" ކާރުތަކުގައި ފިންގާޕްރިންޓް ސްކޭނިން ތައާރަފުކޮށް – ކާރުތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްފަ އެވެ. ޒަމާނީ އެސްޔޫވީތައް މިހާރު ޑިޒައިންކުރަނީ ރާޑަރު ބަހައްޓައި – އަމިއްލަ އަށް ދުވާ ގޮތަށެވެ.

ހިއުންޑޭ އިން ރޮބޮޓް ކާރު އުފައްދަން ޚިޔާލުކުރާ ކަމަށް ބުނެވޭ

ހިއުންޑޭ އިން ރޮބޮޓް ކުއްތާ ގަންނަން ޝައުގުވެރިވާ ސަަބަބުތަކަށް ބަލައި، މި ކަމަށް ޖޯކުޖަހައި ޚިޔާލަށް ގެނެސްފައި ހުރި ތަސައްވުރުތަކުގެ ތެރޭގައި، ހިއުންޑޭ ކާރުތަކުގައި ރޮބޮޓް ފައި ހަރުކުރުން ހިމެނެ އެވެ. ސިޑިތަކުން އަރައި، ފައިބައި އަދި ޗަކަ އާއި ސްނޯތަކުގައި ހިނގާބިނގާވެ އުޅުމަށް ކާރުތައް ގާބިލުކުރުވުން – ހިއުންޑޭގެ ވިސްނުމަކަށް ވާނެ ކަމަށް ބުނެވެ އެވެ.

ހިއުންޑޭ އިން ބޮސްޓާން ޑައިނަމިކްސް ގަނެ، މި ޚިޔާލުތައް އަސްލަކަށް ހަދައިފި ނަމަ، ރޮބޮޓް ކުއްތާގެ ފައިތައް، އެސްޔޫވީ މޮޑެލްތަކަށް ހަދިޔާކުރެވޭނެ އެވެ. އެއިރުން މި ކާރުތައް ވާނީ ދިވެހިރާއްޖެ އަށް ވެސް ވަރަށް ބޭނުންތެރި އުޅަނދަކަށެވެ. މޫދުގައި ހިނގުމާއި، ސުނާމީ ނޭރި ނަމަވެސް، މަގުތަކުގައި ފެންބޮޑުވުމުން ސްކޫލް ކުދިން ގޮވައިގެން ހިނގާލައި އުޅުން މި ކާރުތަކަށް ވާނީ ހަމަ ސުމެއްގެ ކަމަކަށެވެ.