އިއްޔެ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެރި އުދައިގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ގދ. މަޑަވެލީގެ ގިނަ ގެތަކަކަށް ގެއްލުންތައް ލިބިފައިވާތީ އެކަމުގައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ އިއްޔެ ގދ .މަޑަވެއްޔަ އުދައަރާ ބޮޑެތި ގެއްލުންތަކެއްވެފައި ވާތީ އެރަށުގެ ހާލަތު ބަލަވާލެއްވުމަށް އެރަށުގެ ކައުންސިލުގެ ރައީސް ފިޔާޒް ހަސަނަށް ގުޅުއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރާއްޖޭގެ ރަށްރަށަށް އިއްޔެ އުދައަރައި އެންމެ ބޮޑު ގެއްލުންތަކެއްވި ކަމަށް ރިޕޯޓުކޮށްފައިވާ، ގދ.މަޑަވެލީގެ ހާލަތު އޮޅުން ފިލުއްވުމަށްޓަކައި ރައީސް ވަނީ، ގދ. މަޑަވެލީ ކައުންސިލްގެ ރައީސަށް ފޯނުން ގުޅުއްވައި އެރަށުގެ ހާލަތު އޮޅުންފިލުއްވާފަ އެވެ.

މަޑަވެލީގެ ކައުންސިލްގެ ރައީސް ދެއްކެވި ވާހަކައިގައި އުދައެރުމުގެ ހާދިސާގައި އެރަށަށް ލިބުނު ގެއްލުންތަކާއި އަދި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ރައީސް އާއި ވަނީ ހިއްސާކުރައްވާފަ އެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި މަޑަވެލީގެ ގިނަ ގެތަކަކަށް ގެއްލުންތައް ލިބިފައިވާތީ އެކަމުގައި ސަރުކާރުން ރައްޔިތުންނަށް ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވި އެވެ.

ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އިއްޔެ އުދައިގައި ރާއްޖޭގެ އަށް އަތޮޅެއްގެ 20އަށް ވުރެ ގިނަ ރަށްރަށަށް ގެއްލުން ލިބުނުއިރު އެންމެ ބޮޑު ގެއްލުންތަކެއް ލިބިފައިވަނީ މަޑަވަލީގެ އިތުރުން ތ. އަތޮޅާއި، އައްޑޫ އަށެވެ. އަދި އެ ރަށްތަކުގެ ހާލަތު ބަލަމުން އަންނަ ކަމަށާއި ލިބިފައިވާ ގެއްލުންތައް ބަލަމުން އަންނަ ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.