އެއްފަޅެއްގައި އޮންނަ ގދ. މަޑަވެއްޔާއި ގދ. ހޯޑެއްދޫ ގުޅާލުމަށް ހަދާފައިވާ ކޯޒްވޭ އަނެއްކާ ވެސް ކަނޑާލައިފި އެވެ.
ހޯޑެއްދޫއާއި މަޑަވެލި ގުޅާލާފައިވާ ކޯޒްވޭ ކަނޑާލި މިއީ ތިން ވަނަ ފަހަރު އެވެ. އެންމެ ފުރަތަމަ އެކޯޒްވޭ ކަނޑާލީ 2018 ވަނަ އަހަރު އެވެ. އަދި ދެ ވަނަ ފަހަރަށް ކޯޒްވޭ ކަނޑާލީ މިދިޔަ އަހަރު އޮގަސްޓް މަހު އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ދަންވަރު އަނެއްކާ ވެސް ކޯޒްވޭ ވަނީ ކަނޑާލާފަ އެވެ.
ކޮންމެ ފަހަރަކު ވެސް ކޯޒްވޭ ކަނޑާލަނީ އެ ރަށަށް އުދަ އަރާ ލިބޭ ގެއްލުން ބޮޑު ކަމުންނާއި ތިމާވެށްޓަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެސް ލިބޭ ކަމަށް ބުނެ އެވެ.
މިފަހަރު ކޯޒްވޭ ކަނޑާލީ ކޮންބަޔަކު ކަމެއް އަދި ނޭނގޭއިރު މަޑަވެލި ކައުންސިލަރުން ތުހުމަތުކުރައްވާ ގޮތުގައި މިއީ ހޯޑެއްދޫގެ ބަޔަކު ރޭ ދަންވަރުގެ ވަގުތެއްގައި ކޮށްފައިވާ ކަމެކެވެ. ނަމަވެސް ހޯޑެއްދޫގެ ބައެއް ކައުންސިލަރުން ވިދާޅުވާ ގޮތުގައި މިއީ މަޑަވެލި ބަޔަކުކުރި ކަމެކެވެ.
ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ކޯޒްވޭ ކަނޑާލާފައި ވަނިކޮށް އަލުން ކޯޒްވޭ ގުޅާލުމަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރުމުން ވެސް މަޖިލީހުގެ ބައެއް މެންބަރުން ފާޑު ވިދާޅުވެފައިވެ އެވެ.
ކޯޒްވޭގެ ސަބަބުން އުދައަރާ މައްސަލަ ހައްލުކުރަން އޮއި ދެމޭ ގޮތަށް ކޯޒްވޭ އަލުން ހެދުމަށް މިދިޔަ އަހަރު އޮކްޓޫބަރު ސަރުކާރުން ވަނީ އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކޮށްފަ އެވެ. ދައުލަތުގެ ބަޖެޓުން 82 މިލިއަން ރުފިޔާ ހަރަދު ކުރާ ގޮތަށް 10 މަސް ތެރޭގައި މަސައްކަތް ނިންމަން ޝަރުތު ކުރި ނަމަވެސް އެ މަޝްރޫއުގެ މަސައްކަތް އަދި ފެށިފައެއް ނުވެ އެވެ.