ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކޮށް ފާސްކުރި ހެއްކާ ބެހޭ ބިލާ ދެކޮޅަށް ހަރަކާތްތަކެއް ހިންގުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އެމްޖޭއޭ އިން ނިންމައިފި އެވެ.

އެމްޖޭއޭއިން މިގޮތަށް ނިންމާފައިވަނީ މިއަދު ބައެއް ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

މި ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް މަޖިލީހުގެ އިދާރާ ކުރިމަތީ ނޫސްވެރިން މިދިޔަ ބުރާސްފަތި ދުވަހު ހިމޭން އިހްތިޖާޖެއް ކޮށްފައިވެ އެވެ.

އިހްތިޖާޖުގައި ބައިވެރިވި ނޫސްވެރިންނާ ބައްދަލުކުރައްވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ނޫސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް މިއަދު ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. އަދި އެ ބިލް ފާސްވެ ގާނޫނަކަށް ވުމުން ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ހެއްކާ ބެހޭ ގާނޫނަކީ ބޮޑު ސިންގާ މަސައްކަތެއް. އެކަން އެ ނިމުނީ ހަ މަސް، ހަތް މަސް ފަހުން. އަޅުގަނޑަށް ހިތަށް އަރަނީ ދެން ކުރެވެން އޮންނާނެ ގޮތަކީ މިކަން މިހެން ގެންގޮސްފައި ބިލު ފާސްކޮށްފައި އަނެއްކާ އަނބުރާ ތިޔަ ބޭފުޅުންގެ އިސްލާހެއް އަޅުގަނޑުމެން އެންޓަޓެއިން ކުރުން،" ނޫސްވެރިން އިހްތިޖާޖު ކުރަމުންދިޔަ ސަރަހައްދުގައި ހުންނަވާ ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުުވިޔަސް މި ބިލު އޮތް ގޮތުން ހުރި ކަންބޮޑުވުންތައް އެމްޖޭއޭ އާއި މޯލްޑިވްސް މީޑިއާ ކައުންސިލް އެމްއެމްސީއިން ވަނީ މީގެ ކުރިން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައިވެސް ހިއްސާކޮށްފައެވެ. މަސްދަރުގެ މައުލޫމާތު އާންމުކުރުމުން، އެ މީހަކާއި އެ މީހަކާ ގުޅުން ހުރި ބަޔަކަށް އަނިޔާއެއް ނުލިބޭނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށްއެމްޖޭއޭ އިން ބުނެ އެވެ.

ވަކި ހާލަތެއްގައި މަސްދަރު ހާމަކުރުމަށް އޮތީ ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގަ އެވެ. މި މާއްދާގެ (ހ)ގައި ބަޔާންކުރާ ގޮތުން މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާ އަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ އެވެ. އެފަދަ ހާލަތެއްގައި ނޫސްވެރިންނަށާއި، މީޑިއާއަށް މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރުމުގެ ބާރު ފަނޑިޔާރަށް އޮވެ އެވެ.